Wednesday, July 25, 2007

އަޅުގަނޑު ޖަވާބުދޭކަށް ނެތިން- ބަރުލަމާނީ ނިޒާމުގައި ވަޒީރަކަށް މިހެން ނުބުނެވޭނެ!
ލިޔުނީ:މޫސަ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ފުރަތަމަ ކަމަކަށް މިއޮންނަނީ ވަޒީރުންނާއި ސުވާލުކުރުމެވެ. އެހެންނަމަވެސް ރިޔާސީ ނިޒާމުގައި ވަޒީރުން މަޖިލީހަށް ޖަވާބުދޭތަން މިފެންނަނީ ހިތުހުރި ގޮތަކަށެވެ. ކުރެވޭ ސުވާލަށް ޖަވާބުދޭން ނުވެސް ވިސްނާކަމަށް ހަމަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން އެބަޖަވާބުދެއެވެ. އެއްވަޒީރަކު އަނެއް ވަޒީރެއްގެ ބޮލުގައި ކަންކަން އަޅުފާވައި ޖަބާވުދިނުމަށް އިއުތިރާޒު ކުރުން އާންމުވެއްޖެއެވެ. ރައްޔިތުންނޭވެ. ވިސްވަނާށެވެ. ރިޔާސީ ނިޒާމުގައި ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އިންކާރު ކުރަމުންދާ އުކުޅުތައް މިއޮއްގެން ތަކުރާރުވަމުން ދަނީއެވެ. ރިޔާސީ ނިޒާމުގެ ދޯދިޔާކަމުގެ ދިރިހުރި މިސާލުތައް ކޮންމެ ޖަލްސާއަކުން ފެންނަމުން އެބަދެއެވެ.

ހއ.ބާރަށު ކުޅީގެ މައްސަލާގައި ހއ.މެންބަރު ޖައުސާ ޖައުފަރު މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެނަރޖީ އެންޑް ވޯޓަރ އަހުމަދު އަބްދުﷲ އާއި ސުވާލުކުރުމުން ޖަވާބަކީ ތިކަން މިހާރު ވާނީ ފިޝަރީޒް މިނިސްޓްރީގެ ދާއިރާގައި ކަމަށާއި ޖަވާބުދެއްވޭނީ އެފަރާތަށް ކަމަށެވެ. އަދި އެމައްސަލާގައި ކުރެވުނު އެއްވެސް ސުވާލަކަށް ޖަވާބެއްނުދެއްވައެވެ. ތ.ހިރިލަންދޫ ބަނދަރުގެ މައްސަލާގައި ތ.އަތޮޅު މެންބަރު މުހައްމަދު ޝަރީފު، ބަނދަރާބެހޭ ގޮތުން މިނިސްޓަރު މަޢުރޫފު ޖަމީލާއި ސުވާލުކުރެވުމުން ޖަވާބަކީ ހިރިލަންދޫ ބަނދަރު ހަދަނީ ލޯނެއްގެ ދަށުންކަމާއި އެކަމާބެހޭ ސުވާލުކުރެވެންވީ ފިނޭންސް މިނިސްޓަރާއި ކަމެވެ. މިމައްސަލާގައި ކުރެވުނު ސުވާލަކަށް ބަނދަރުމިނިސްޓަރު މަޢުރޫފު ޖަމީލުގެ ޖަވާބަކީ “އަޅުގަނޑު ޖަވާބުދޭކަށް ނެތިން” މިއެވެ.

އިހަށް ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހެލްތު މިނިސްޓަރު އަދި ލ.އަތޮޅު މެންބަރު އިލްޔާސް އިބްރާހީމް އެނަރޖީ މިނިސްޓަރު ކުރެން އައްސަވަނީ މަދިރީގެ މައްސަލަ އެއީ ސަރުކާރުގެ ކޮން އިދާރާއަކުން ބައްލަވަންޖެހޭ ކަމެއްތޯއެވެ. އަހުމަދު އަބްދުﷲގެ ޖަވާބަކީ އެއީ ހެލްތު މިނިސްޓްރީއާ ބެހޭ ކަމެއް ކަމަށެވެ. މިހިރީ ކަންހުރިގޮތެވެ. ވަޒީރުން ދެކޮޅަށް ބޯޅަ ޖަހަޖަހާ ތިބެނީއެވެ. ރައްޔިތުންނަށް ކުރެވޭ ކަމެއް ހަރާމެވެ. ރިޔާސި ނިޒާމުގައި މިނިސްޓަރުންނަށް ތިމާމެންގެ ޒިންމާތައް ނޭގެއެވެ. ސަރުކާރުގެ ޕޮލިސީއެއް އޮންނަނީ ނަމެއްގައެވެ. ވަގުތު ޖެހުމުން ކޮންމެ ކަމެއްވެސް ކޮއްލަނީ ސިޔާސީ މަޤްސަދުގައި ފީކަޅާ ގޮތަކަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވައިއެޅުވުމާއި ރައްޔިތުން ހެއްދުންނޫން ކަމެއް ރިޔާސީ ނިޒާމުގައި ވަޒީރުންނަށް ކުރެވޭކަމަކަށް ނުވުއެވެ.

ހަމައެހެންމެ ލ.ހިތަދޫގެ ކަރަންޓުގެ ދަތިކަން ޙައްލުކުރުމުގެ މައްސަލާގައި ރީކޯ މޫސަ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެނަރޖީ އެންޑް ވޯޓަރ އަހުމަދު އަބްދުﷲ އާ ސުވާލުކުރުމުން، ޖަވާބަކީ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެއްހަމައަކުން ކަރަންޓުގެ ޚިދުމަތް ދިނުންކަމަށާއި، އެކަމަށް ވިސްނަވާ ކަމަށާއި އެކަމަށް ވަތުގުނަގާނެ ކަމަށެވެ. މިއާ ވިއްދައިގެން ނ.އަތޮޅުމެންބަރު އަބްދުﷲ ޔާމީން އެއްސެވީ އެއްހަމައަކުން ކަރަންޓްގެ ޚިދުމަތް ގެނެސްދިނުމަކީ ރައްޔިތުންނަށް އުފާވެރި ޚަބަރަކަށްވާއިރު، ރާއްޖޭގައި އެކި ސައިޒުގެ ރަށްތައް ހުރިއިރު، އެއްހަމައަކުން ކަރަންޓް ދިނުމަށް ސްޓެލްކޯ ނުވަތަ އެހެން ބަޔަކަށް ޖެހުނަސް، ސަރުކާރުން ބޮޑު ސަބްސިޑީއެއް ދޭން ޖެހޭ ކަމަށާއި، އެކަން ކުރަން ވިސްނަވަނީ ކިހިނެއްތޯ އަދި އެފައިސާ ހޯދާނީ ކޮންގޮތަކުންތޯ؟ މިއިން އެއްވެސް ސުވާލަކަށް މިނިސްޓަރަށް ޖަވާބެއް ނުދެވުނެވެ. ހާމަވެގެންދިޔަކަމަކީ މިއިން އެއްވެސް ކަމަކާމެދު މިކަން ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމާއި، ރައްޔިތުން ލޮލުގައި އަދުން އަޅުވަން ފޮނި ވާހަކަތަކެއް މިނިސްޓަރު މަޖިލީހަށް އިއްވީކަމެވެ.
މިއީ މިއަދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ. ރިޔާސީ ނިޒާމުގައި ވަޒީރުން ރައްޔިތުންގެ މަޖިލީހުގައި ކުރާ ސުވާލުތަކަށް ޖަވާބުދިނުމަށް އިންކާރުކުރަމުން ދާތަން ތާއަބަދު މިދަނީ ފެންނަމުންނެވެ. ސުވާލުކުރުމަށް 14 ދުވަހުގެ ނޯޓިސްވެސް ދޭންޖެހެއެވެ. އެކަމަކު ބަރުލަމާނީ ނިޒާމުގައި މިނިސްޓަރުން ތިބޭނީ މަޖިލީހުގެ ތަޅަމުގައެވެ. ޖަލްސާއެއް ބާއްވާނަމަ އަބަދު ފެންނަގޮތަށެވެ. ސުވާލަށް ޖަވާބުނުދީ ފަރުޖެހޭކަށް ނޯންނާނެއެވެ. ޖަވާބުދިނުން ނޫންއެހެން ގޮތެއް ނޯންނާނެއެވެ.

ބަރުލަމާނީ ނިޒާމުގައި އެއްވަޒީރަކު އަނެއްވަޒީރެއްގެ ބޮލުގައި ކަންކަން އަޅުވާފައި ނިންމާލެވޭކަށް ނޯންނާނެއެވެ. ހުރިހާކަމެއްވެސް ކުރެވޭނީ މަޝްވަރާ ކުރެވިގެންނެވެ. އެވަޒީރެއްގެ މަސްއޫލިއްޔަތާއި މެންޑޭޓް ވަރަށް ސާފުކޮށް އެގެން އޮންނާނެއެވެ. ވެރިކަން ހިންގާ ޕާޓީގެ ސިޔާސަތު އޮންނާނީ ކުރީގައިބަ ރައްޔިތުންނަށް ހާމަކޮށްދާދީފައެވެ. ކުރަން ޖެހޭ ކަންކަމާއި ކުރަން ނުޖެހޭ ކަންކަން ވަރަށް ސާފުކޮށް ފެންނަން އޮންނާނެއެވެ.

ރިޔާސީ ނިޒާމެއްގައި ކޮންމެ ވަޒީރަކުވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވުން ނޫންކަމެއް ނުކުރެއެވެ. ރިޔާސީ ނިޒާމުގައި ވަޒީރުކަން ދެނީ ރައީސެވެ. ޖަވާބުދާރީވާންޖެހެނީ ހަމައެކަނި ރައީސަށެވެ. ރައްޔިތުންނަކަށް ޖަވާބުދާރީއެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބައްލަވާށެވެ. ކޮންމެ ޖަލްސާއަކުން މިކަން ފެނިގެންދާނެއެވެ. ބަރުލަމާނީ ނިޒާމުގައި ވަޒީރުކަން ދެނީ ރައްޔިތުންނެވެ. ޖަވާބުދާރީ ވާންޖެހޭނީވެސް ރައްޔިތުންނަށެވެ.

އަދި ބަރުލަމާނީ ނިޒާމުގައި ސަރުކާރުގެ އެންމެ އިސްވެރިޔާ ކަމަށްވާ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި އޭނާ އިންނަވާނެއެވެ. އެކަމަކު ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ ކިތަންމެ ބޮޑު ގޯހެއް ހެދިޔަސް، ޤާނޫނުތައް މުގުރައި ދޮގުހަދަމުން، ރައްޔިތުން ތަޅާމަރަމުން ދިޔަޔަސް، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުން ސުވާލުކުރެވޭގޮތް ވަރަށް ދައްޗެވެ. މިސާލަކަށް މިވެނި ދުވަހެއްގައި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ނެރޭނަކަމަށް، މިވެނި ދުވަހެއްގައި ދިވެހި ރާއްޖޭގައި ޔުނިވަރސިޓީއެއް ޤާއިމް ކުރާނެކަމަށް އިޢުލާންކޮށް އެކަން ފޭލްވެގެން ދިޔަޔަސް ރައީސުލްޖުމްހޫރިއްޔާ އާއި އެކަމާބެހޭގޮތުން ސުވާލެއްވެސް ކުރެވޭކަށް ރިޔާސީ ނިޒާމުގައި ފުރުސަތި ވަރަށް ކުޑައެވެ. ރައީސްގެ ހައިބަތު ބޮޑުކަމުން މިކަހަލަ ސުވާލަކަށް ޖަވާބު ދޭން މަޖިލީހަށް ފޮނުވާނީ ރައީސްގެ ފަރާތުން ކޮންމެވެސް މީހެކެވެ. މިއާ ޚިލާފަށް ބަރުލަމާނީ ނިޒާމުގައި ބޮޑު ވަޒީރަކަށް ހުންނަމީހާއަށް ހިތުހުރިގޮތަކަށް ވެރިކަން ކުރެވޭކަށް ނޯވެއެވެ. ހަމަ ޤަވާއިދުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެއެވެ.

ވުމާއެކު ޖުމްލަގޮތެއްގައި މިދެކެވޭ ވާހަކައަކީ ރިޔާސީ ނިޒާމަކީ ރައްޔިތުންނަށް ޖަވާބުދާރީވުމަށް ހުރަސް އަޅާ ނިޒާމެއް ކަމެވެ. ބަރުލަމާނީ ނިޒާމަކީ ވެރިން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ، ހަރުދަނާ ޓްރާސްޕޭރެންޓް، ޒިންމާދާރު، ވާނުވާ ރައްޔިތުންނަށް އެގޭ، ދޮގުހަދާ ވެރިންނަށް މުސްތަޤްބަލެއްނެތް، ރައްޔިތުންނަށް ހިތްހަމަޖެހުން އޮންނާނެ ނިޒާމެކެވެ

Share/Save/Bookmark

3 comments:

The Xostedenzyme said...

this is a very good article. something all maldivians should read.

i like your blog coz u write in dhivehi which makes it really easy to get your point. keep up the good work

Anonymous said...

Good work Moosa, Keep it up.

muNsir said...

thank u Moosa