Saturday, July 28, 2007

ރިޔާސީ ނިޒާމު-ރައްޔިތުން ޤަބޫލްނުކުރާ މީހުން ހޯމް މިނިސްޓަރުކަން ކުރާ ނިޒާމް

ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ ތާއީދު ގެއްލި މަޖިލިސް ގޮނޑިއަށް ނުހޮވައި ފޭލިކޮއްލީމަ، އަބްދުﷲ ކަމާލުއްދީނަކަށް މިނިސްޓަރުކަމެއް ނުލިބޭނެ...

ލިޔުނީ:މޫސަ

މާލެތެރެ ބަރުލަމާނީ ބެނާތަކާއި ރީނދޫކުލައިގެ އެމްޑީޕީ ދިދަތަކުން ޒީނަތްތެރިވެފައިވާއިރު، ސަރުކާރުގެ ބޮޑުންގެ ގޭގޭގައި ދޮޅަހަކަށް ރިޔާސީ ބެނާ ދަމާފައި ވާތަން އެބަފެނެއެވެ. ޑިކްޓޭޓަރުގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ ގޭގައި ރިޔާސީ ބެނާއެއް ދަމާފައި އެބަހުއްޓެވެ. އަޅުގަނޑަށް މިމަންޒަރު ފެނިފައިވީ ވަރަށް ބޮޑު ޖޯކަކަށެވެ.

އަބްދުﷲ ކަމާލުއްދީނަކީ މާލޭ ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައިވާ މީހެކެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިލެކްޝަންގެ ނަތީޖާއިން ވަރަށް ސާފުކޮށް މިކަން އެގެން އެއޮތީއެވެ. އެމްޑީޕީއިން އެންޑޯސް ކުރި ދެކެނޑިޑޭޓުން ކަމަށްވާ އިބްރާހިމް ޢިސްމާއިލް އަދި މުޙައްމަދު ޝިހާބު ބޮޑު ތަފާތަކުން އިންތިޚާބް ވެވަޑައިގަތީއެވެ. ބޮޑު ތަފާތަކުން ކަލާމުއްދީނަށް ޖެހުނީ ގޮނޑުހޮވަންދާށެވެ. 3000 ވޯޓުވެސް ނުލިބުނެވެ.

ނަމަވެސް މިއަދު ކަލާމުއްދީން މިފެންނަނީ ޑިކްޓޭޓަރުގެ ކެބިނެޓްގައި ހެވިދިލިފައި އިންތަނެވެ. ދާދި ފަހަކާ ޖެހެންދެން ފިޝަރީޒް މިނިސްޓަރެވެ. މިހާރު ހޯމް މިނިސްޓަރެވެ. މިއީ ރިޔާސީ ނިޒާމެއްގައި ކަންވާނެގޮތެވެ. ރައްޔިތުން ބަލައިނުގަންނަ މީހުންވެސް ކެބިނެޓަށް ގެންނަނީއެވެ. ބަރުލަމާނީ ނިޒާމެއްގައި ނަމަ މިއަދު އަބްދުﷲ ކަމާލުއްދީނަކަށް ވަޒީރުކަމުގައި ނުހުރެވޭނެއެވެ. ހަމައެހެންމެ ލ.އަތޮޅު ރައްޔިތުން ނަގާއެއްލާލި އަބްދުއްރަޝީދު ހުސައިނަކަށްވެސް ވަޒީރުކަމުގައި ނުހުރެވޭނެއެވެ.

ރިޔާސީ ނިޒާމުގެ އެންމެ ބޮޑު ދޯހަޅި ކަމަކީ މިއީއެވެ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މާލޭ ގޮނޑިއަށް ކުރިމަތިލުމުން ރައްޔިތުން ޤަބޫލުނުކޮށް ފޭލްކޮށްލީމަ މިއަދު ކަމާލުއްދީން އެހެރީ ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރު ކަމުގައެވެ. މީތި ދެން ދެކޮޅު ޖެހޭނީ ކިހިނެއްހެއްޔެވެ!

ރިޔާސީ ނިޒާމުގައި ވަޒީރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައްޔިތުން ރުހުނަސް ނުރުހުނަސް ބޭނުން މީހަކަށް ވަޒީރުކަން ދެވޭނެއެވެ. ރިޔާސީ ނިޒާމުގައި ގާތްތިމާގެ މީހުންނާއި އެކުވެރި ރަހުމަތްތެރިންނާއި ކްލާސްމޭޓުންނަށް ވަޒީރުކަންދެނީއެވެ. ރައްޔިތުން ކިތަންމެ ނުރުހުނަސް، ކިތަންމެ ބޮޑު ވަގަކަށް ވިޔަސް ރިޔާސީ ނިޒާމުގައި ވަޒީރުކަން ދެނީއެވެ. މިކަން އަޅުގަނޑުމެން ދިވެހިން ވޭތުވެދިޔަ 29 އަހަރު މިދަނީ ތަޖުރިބާ ކުރަމުންނެވެ. ރައްޔިތުންނާއި ސަރުކާރަށް ޚިޔާނާތްތެރިވީކަމަށް ބުނުމަށްފަހު ޅިޔަނު އިލްޔާސް އިބްރާހީމަށްވެސް އެހެރީ އަނެއްކާ ވަޒީރުކަން ދީފައެވެ. ކޮއްކޮ އަބްދުﷲ ހަމީދު، ޅިޔަނު އައްބާސް އިބްރާހިމް، ފަތުހﷲ ޖަމީލު، މުހައްމަދު ޒާހިރު ހުސައިން ފަދަ ކިލާސް މޭޓުންނެވެ. ރިޔާސީ ނިޒާމުގައި ޑިކްޓޭޓަރުގެ ވެރިކަމުގައި ހިތްދަތި 29 އަހަރު ފާއިތުވީއިރުވެސް އަދިވެސް ރަށްފުށުގައި ބަނދަރު ނުހެދިގެން، ކަރަންޓްނެތިގެން، ނަރުދަމާގެ ނިޒާމުނެތިގެން ޝަކުވާތައް ފުނިޖެހިފައިމިވަނީ ކީއްވެތޯއެވެ؟ ރައްޔިތުންގެ ކުރިމަތީގައި އަބުރުގެއްލި އަގުވެއްޓި ތާއީދެއްނެތް މީހުން ސަރުކާރުގެ ކެބިނެޓްގައި ތިބެގެން ދެން ކޮއްދެވޭނީ ކޮން ޚިދުމަތެއްތޯއެވެ؟

ބަރުލަމާނީ ނިޒާމެއްގައި ވަޒީރުކަން ލިބޭނީ ރައްޔިތުންގެ މެދުގައި މަޤްބޫލު ރައްޔިތުން ބަލައިގަންނަ މީހުންނަށެވެ. ރާއްޖޭގެ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންނަށެވެ. ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މެންބަރުން މަސައްކަތް ކުރަން މަޖުބޫރުވުމެވެ. ރައްޔިތުންނަށް މިކަން މިހާރުވެސް ތަޖުރިބާ ކުރެވޭނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުންނާއި އެޕޮއިންޓްމަންޓަކަށް އެދުމުން އެދާއިރާއެއްގެ މީހުންނަށް ފަސޭހައިން އެކަން ހަމަޖެހިގެން ދާނެއެވެ. އެކަމަކު މަޖިލީހުގައި ނުހިމެނޭ ވަޒީރަކާއި ބައްދަލުކުރުންވާނީ ވަކަރެއް ފެޅުން ކަހަލަ ކަމަކަށެވެ.

އެހެންވީމަ އަބްދުﷲ ކަމާލުއްދީންމެން، ގޮތެއްފޮތެއްނެތް ރިޔާސީ ނިޒާމު ދަމަހައްޓަން ނުޖެހޭ ސަބަބެއް ނެތެއްނޫން ހެއްޔެވެ! ބަރުލަމާނީ ނިޒާމެއް ފާސްވެއްޖެނަމަ އަބްދުﷲ ކަމާލުއްދީންމެންގެ ސިޔާސީ ކެރިއަރ އެދެން ޚަތިމްވީއެވެ. ރައްޔިތުން ތިމާމެން ނުހޮވާނެކަން ޑިކްޓޭޓަރުގެ ވަޒީރުންވެސް ޤަބޫލްކުރެއެވެ. މިހާވަރަކުން ބަރުލަމާނީ ނިޒާމާ ދެކޮޅަށް މަސައްކަތް މިކުރަނީ މިހެންވެގެންނެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކެމްޕޭން ތެރޭގައިވެސް މާލޭގެ ހުރިހާ ކްލަބް ޖަމިއްޔާއެއްގެ ދިދަތައް އަބްދުﷲ ކަމާލުއްދީންމެންގޭފާރުގައި ފެވިފައި ހުއްޓެވެ. ބައެއްމީހުން ބުނަމުން ދިޔައީ މިހުރިހާ ކްލްބަތަކެއްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ނިކުމެ ބޮޑު ތަފާތަކުން ކަމާލުއްދީން އިންތިޚާބު ކުރާނެކަމަށެވެ. އެކަމަކު އިންތިޚާބުގެ ނަތީޖާ ނިކުތްއިރު.......... ވުމާއެކު ހަމަދެން އަބްދުﷲ ކަމާލުއްދީން މެންގޭގައި ދަމާލާ ފޮތިގަނޑަކުން، ތަތްކޮށްލާ ޕޯސްޓަރަކުން ނިކުންނާނެ މާއެދެވޭ ނަތީޖާއެއް އޮތްކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް ރައްޔިތުން ޤަބޫލުނުކުރާ މީހުން ހޯމްމިނިސްޓަރުކަން ކުރާ ނިޒާމް ދަމަހައްޓަން އެފަދަ މީހުން މިއުޅޭ އުޅުމަކީ ރައްޔިތުންނަށް ފައިދާ ހުރި ނިޒާމެއް ނޫންކަން ފާހަގަކޮއްލީއެވެ.

ވުމާއެކު، އޮގަސްޓް 18 ވަނަ ދުވަހު ރައްޔިތުން ވޯޓު ފޮށިތަކާ ހަމައަށް ދާއިރު ވިސްނަންވީ ކަމަކީ، ރައްޔިތުން ޤަބޫލުނުކުރާ މީހުންނަށް ވަޒީރުކަން ލިބިދޭ ރިޔާސީ ނިޒާމަށް ވޯޓު ނާޅާށެވެ. ބަރުލަމާނީ ނިޒާމް ފާސްވެއްޖެނަމަ ރައްޔިތުން ޤަބޫލުނުކުރާ މީހަކަށް ވަޒީރުކަމަކަށް ނާދެވޭނެއެވެ. އެއީ ކަމާލުއްދީނަކަސް، އަބދުއްރޝީދު ހުސައިނަކަސް، ވަހީދުއްދީނަކަސް، ބުރުމާއަކަސް، ބޮނޑިބަތް ޖަމީލަކަސް، ކުއްޓި ނަޝީދަކަސް، އަދި ޙުދު ކިނބިގަސްދޮށުގޭ ޑިކްޓޭޓަރަކަސް ވަރިހަމައެވެ. ބަރުލަމާނީ ނިޒާމެއްގައި ދުވަހަކުވެސް، ރައްޔިތުން ނުރުހޭ މީހަކަށް ވަޒީރުކަމެއް ނުލިބޭނެއެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގާނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތާޢީދާއި މަޤްބޫލުކަން އޮތް ސަރުކާރަކުންނެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށެވެ.


Share/Save/Bookmark

Wednesday, July 25, 2007

ރިޔާސީ ނިޒާމު ފާސްކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލުކުރުން ބަންދުވާނެ!
ލިޔުނީ:މޫސަ


ަ

ޓީވީ މޯލްޑިވްސްއިން ފޮނުވާ ‘ ދިހައަކުން އެގާރައަށް’ ޕްރޮގްރާމުގައި ކުއްޓި ނަޝީދާއި ސުވާލު ކުރެވުނީ “ކިތަންމެ ރީތި ވާހަކަ ދެއްކެވިޔަސް މައުމޫނު ވިދާޅުވާ ގޮތް ނޫންގޮތަކަށް ޢަމަލެއް ނުކުރެއްވޭނެ ދެއްތޯއެވެ؟” ކުއްޓި ނަޝީދުގެ ޖަވާބަކީ “ތިވިދާޅުވާ މައުމޫނަކީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބުވެފައިވާ މިދިވެހި ޤައުމުގެ ދައުލަތުގެ އެންމެ އިސްވެރިޔާ، ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާ، އަޅުގަނޑަކީ އޭނާގެ ސަރުކާރުގެ މެންބަރެއް، އޭނާގެ މިނިސްޓަރ އޮފް އިންފޮމޭޝަން، އޭނަގެ ވަޒީރުންގެ މަޖިލީހުގެ މެންބަރެއް، ތޮބީޢީކަމެއް ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާ ނުވަތަ ދިވެހި ސަރުކާރުގެ އެންމެ އިސްވެރިޔާ ވިދާޅުވާ އުސޫލްތަކެއްގެމަތިންކަން އޭނަގެ ވަޒީރަކު އަމަލުކުރާނީ، އެއީހަމަ އެކަން ވާންވެސްވާނެ ގޮތް” މިއެވެ. މިއީ ނުރައްކާތެރިވާހަކައެކެވެ. ރިޔާސީ ނިޒާމެއްގައި އަދި އަމުދުން ވަޒީރުން ރައީސުލްޖުމްހޫރިއްޔާ ނޫން ފަރާތަކަށް ޖަވާބުދާރީވާކަށް ނުޖެހޭނެއެވެ. މިއީ ވަރަށް ކަންބޮޑު ވާންޖެހޭ ކަމެކެވެ.

25 ޖޫން 2007ގައި އޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 155 ވަނަ ޖަލްސާގައި ފާސްކުރައްވާފައިވާ ރިޔާސީ ނިޒާމާ ބެހޭ މަޢުލޫމާތު ކަރުދާހުގެ 9 ވަނަ ޕޮއިންޓް ވަރަށް ފަރުވާތެރިކަމާއެކު ވިދާޅުވާށެވެ. 9-ވަޒީރުން ޖަވާބުދާރީވާނީ ‘ހަމައެކަނި’ރައީސުލްޖުމްހޫރިއްޔާއަށެވެ. މީގެ އިތުރުން، އެވަޒީރަކު ޙަވާލުވެ ހުންނަ ވުޒާރާއާގުޅޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް، އެ ކޮމެޓީގެ ރަސްމީ ޖަލްސާއެއްގައި ވަޒީރުންނާއި ސުވާލުކުރުމުގެ އިޚްތިޔާރު ކޮމެޓީއަށް ލިބިގެންވެއެވެ.

މިއީ ވަރަށް ކަންބޮޑުވާން ޖެހޭ މައްސަލައެކެވެ. މީގައި މިއޮތްގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުސަތު މުޅިން ބަންދުވީއެވެ. އަދި ވަޒީރުން ޖަވާބުދިނުމުގައި ފަރުވާކުޑަކޮށް ބައެއްފަހަރު ޖަވާބުނުދިން ކަމުގައި ވިޔަސް މިހާރު މިއޮތް “މައުމޫނިޒަމް” ގައި ވެސް ވަޒީރުންނާއި އެބަ ސުވާލުކުރެވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮންމެ ޖަލްސާއެއްގައި ވަޒީރުންނާއި ސުވާލުކުރުމަށް ބައިގަޑިއެއްހާއިރު އެބައޮވެއެވެ. ރައްޔިތުން ޝައުގުވެރިކަމާއެކު ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުކޮޅު އެބަ ބަލަމުންދެއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ސަރުކާރުގެ ދެފުށްދެގޮތް ސިޔާސަތު ހާމަވުމުގެ އިތުރަށް ވަޒީރުންވެސް ސައިޒަށް ކެނޑެމުންދެއެވެ. ސަރުކާރުން ކުރަމުން އަންނަ ކަންކަން ރައްޔިތުން އެދޭ ގޮތަށް ބަދަލުކުރަން އެބަ މަޖުބޫރުވެއެވެ. ވަޒީރުންނާ ސުވާލުކުރުމަކީ މުހިއްމު ކަމަކަށް ވާއިރު، ބުނެވިދިޔަ ރިޔާސީ ނިޒާމާ ބެހޭ ލިޔުމުގެ 9 ވަނަ ޕޮއިންޓް އެހެން އޮތް ހިނދު، ދިވެހި ރައްޔިތުންގެ ތެރެއިން ރިޔާސީ ނިޒާމަށްދެވޭ ކޮންމެ ވޯޓަކީ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލުކުރަން ނުފެންނަކަމަށް ދެވޭ ވޯޓެކެވެ.

ދެން ބަރުލަމާނީ ނިޒާމާ ބެހޭ މަޢުލޫމާތު ކަރުދާހުގެ 14 ވަނަ ޕޮއިންޓް ވަރަށް ފަރުވާތެރިކަމާއެކު ވިދާޅުވާށެވެ. 14- (ހ) ބޮޑުވަޒީރާއި ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނެއެވެ. (ށ) ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބޮޑުވަޒީރާއި ވަޒީރުންނާ ސުވާލުކުރެވިދާނެއެވެ.

މީގައި މިއޮތްގޮތުން ބަރުލަމާނީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވަޒީރުންނާއި ސުވާލުކުރެވޭނެއެވެ. ޒިންމާދާރު ނަތީޖާ ނެރެވޭ، ރައްޔިތުންނަށް ހެޔޮލަފާ ވެރިކަމެއް ހިންގުމަށްޓަކައި ވެރިކަމުގައި އޮންނަ ޕާޓީއަކާއި ސުވާލުކުރެވުމަކީ ވަރަށް ބޭނުންވެރި ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލުނުކުރެވުމަކީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ގުޑް ގަވަނަންސްގެ އުސޫލުތަކާއި ކަނޑައެޅިގެން ޚިލާފް ކަމެކެވެ. ޓްރާސްޕޭރެންޓް، ވާނުވާ ރައްޔިތުންނަށް އެގޭ ވެރިކަމެއް ޤާއިމް ވާން މިއަންނަނީ ވެރިކަމުގައި ތިބޭ މީހުންނާއި ސުވާލުކޮށް ޒިންމާދާރު ކުރުވައިގެންނެވެ.

މިއީ ދިވެހި ރައްޔިތުން އަދި ކޮންމެ ޕާޓީއަކަށް ވިޔަސް، ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. ވިސްވަނާށެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި މާގިނަ އޮޕްޝަންތަކެއް ނެތެވެ. މިސާލަކަށް ރިޔާސީ ނިޒާމެއްގައި އެމްޑީޕީއަށް ވެރިކަން ލިބިއްޖެނަމަ އެމްޑީޕީގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގައި ސުވާލު ނުކުރެވުން އެއީ އެހެނިހެން ޕާޓީ ތަކުގެ ރައްޔިތުން ރުހޭ ކަމެއްތޯއެވެ؟ އަދި ޑީއާރުޕީއަށް ވެރިކަން ލިބިއްޖެނަމަ ޑީއާރުޕީގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގައި ސުވާލުނުކުރެވުން އެއީ އެމްޑީޕީގެ އެއްވެސް މެންބަރަކު ރުހޭ ކަމެއްތޯއެވެ؟

އަދި އއ.ރަސްދޫ ބަނދަރު ނުހެދި ދިގުލުމާއި، ބައެއް ރަށްރަށުގައި ބިންހިއްކާފައި ހިލޭ ނުދީ ބިން ވިއްކުމާއި، ތ.ވޭމަންޑޫ ބަނދަރު ހެދިފައި ނުވުމާއި، ހދ.ކުނބުރުދޫ ރައްޔިތުން ހދ.ނޮޅިވަރަންފަރަށް ބަދަލުވުމުގެ ހުށަހެޅުމަށް އަލިމަގެއް ނުފެނުމާއި، މާލޭގައި އެމްޑަބްލިޔުއެސްސީ އިން ފެނުގެ ވިޔަފާރިން މިލިއަނުން ފައިދާ ނަގަމުން ދިޔުމާއި، ހއ.އުތީމު ބަނދަރުގެ މަސައްކަތް ނުނިމުމާއި، ހއ.ހޯރަފުށި އަދި ހއ.އިހަވަންދޫ އެއްގަމު ތޮށި މަރާމަތު ނުކުރެވުމާއި، ހއ.ތުރާކުނު އެއްގަމު އަރާފައިބަނެ ބަނދަރަކާއި ފާލަމެއް ޤާއިމްކޮށްނުދިނުމާއި، ތ.ތިމަރަފުށީގެ ބިންހިއްކުމުގެ މަޝްރޫއު ނުފެށި ލަސްވުމާއި، ކ.ކާށިދޫގައި ޓޫރިސްޓު ހޮޓަލެއް ސަރުކާރުން ނޭޅުމާއި، މިފަދަ ރައްޔިތުންނާއި ގުޅޭ އެތައްކަމަކާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލުކޮށް ރައްޔިތުންގެ ކަންކަމާ ސަރުކާރުން އަޅާނުލާ މިންވަރު، ނިކަމެތި ރަށްފުށުގެ ރައްޔިތުން ބާކީކޮށްފައިވާ މިންވަރު ރައްޔިތުންނަށް ހާމަވެގެން ގޮސްފައިވެއެވެ. އަދި މިފަދައން ސުވާލުކުރެވުމުން ބައެއްކަންކަން ސަރުކާރުން ފުއްދާދިނުމަށް މަޖުބޫރުވެފައިވެސް އެބަ ހުއްޓެވެ. ކަންމިހެން އޮތްއިރު، ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލުކުރުމުގެ ފުރުސަތު ބަންދުކުރަން އެއްވެސް ރައްޔިތަކު ބޭނުންތޯއެވެ؟

ޕާޓީ ހައިސިއްޔަތު އޮތްތާކު ބާއްވާފައި، ދިވެހި ޤައުމާމެދު ފުންކޮށް ވިސްނާލަބަލާށެވެ. ވެރިއަކަށާއި އޭނާގެ ކެބިނެޓަށް މިޤައުމު ހިތަކަށް ދޫކޮށްލާނީތޯއެވެ؟ ރިޔާސީ ނިޒާމަށް ދެވޭ ވޯޓަކީ ކަނޑައެޅިގެން ރައްޔިތުންގެ މަޖިލީހުގައި މިހާރު ވަޒީރުންނާއި ސުވާލުކުރަމުންދާދިއުން ހުއްޓުވާލަން ނުވަތަ އެފުރުސަތު ބަންދުކުރަން ދެވޭ އާނބަހެކެވެ.

އަދިވެސް އެއްފަހަރު ވިދާޅުވާށެވެ. 25 ޖޫން 2007ގައި އޮތް ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ 155 ވަނަ ޖަލްސާގައި ފާސްކުރައްވާފައިވާ ރިޔާސީ ނިޒާމާ ބެހޭ މަޢުލޫމާތު ކަރުދާހުގެ 9 ވަނަ ޕޮއިންޓް ވަރަށް ފަރުވާތެރިކަމާއެކު ވިދާޅުވާށެވެ. 9-ވަޒީރުން ޖަވާބުދާރީވާނީ ‘ހަމައެކަނި’ރައީސުލްޖުމްހޫރިއްޔާއަށެވެ. މީގެ އިތުރުން، އެވަޒީރަކު ޙަވާލުވެ ހުންނަ ވުޒާރާއާގުޅޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއަކަށް، އެ ކޮމެޓީގެ ރަސްމީ ޖަލްސާއެއްގައި ވަޒީރުންނާއި ސުވާލުކުރުމުގެ އިޚްތިޔާރު ކޮމެޓީއަށް ލިބިގެންވެއެވެ. ދެން ބަރުލަމާނީ ނިޒާމާ ބެހޭ މަޢުލޫމާތު ކަރުދާހުގެ 14 ވަނަ ޕޮއިންޓް ވަރަށް ފަރުވާތެރިކަމާއެކު ވިދާޅުވާށެވެ. 14- (ހ) ބޮޑުވަޒީރާއި ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނެއެވެ. (ށ) ޤާނޫނު އަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބޮޑުވަޒީރާއި ވަޒީރުންނާ ސުވާލުކުރެވިދާނެއެވެ.

ކުރިމަތީގައި މިއޮތް ސުވާލަކީ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ފެނޭތޯ ނުވަތަ ނުފެނޭތޯއެވެ؟ ރިޔާސީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާއި ސުވާލު ނުކުރެވޭނެއެވެ. ބަރުލަމާނީ ނިޒާމުގައި ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެއެވެ. ވުމާއެކު، ރައްޔިތުންނަށް ޖަވާބުދާރީވާ، ޒިންމާދާރު ވެރިކަމެއް ޤާއިމް ކުރުމަށްޓަކައި ބަރުލަމާނީ ނިޒާމަށް ވޯޓު ދިނުމަކީ އަޅުގަންޑުމެނާއި އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށްޓަކައިވެވޭ އަގުނުކުރެވޭ ޤުރުބާނީއެކެވެ


Share/Save/Bookmark
އަޅުގަނޑު ޖަވާބުދޭކަށް ނެތިން- ބަރުލަމާނީ ނިޒާމުގައި ވަޒީރަކަށް މިހެން ނުބުނެވޭނެ!
ލިޔުނީ:މޫސަ


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގެ ފުރަތަމަ ކަމަކަށް މިއޮންނަނީ ވަޒީރުންނާއި ސުވާލުކުރުމެވެ. އެހެންނަމަވެސް ރިޔާސީ ނިޒާމުގައި ވަޒީރުން މަޖިލީހަށް ޖަވާބުދޭތަން މިފެންނަނީ ހިތުހުރި ގޮތަކަށެވެ. ކުރެވޭ ސުވާލަށް ޖަވާބުދޭން ނުވެސް ވިސްނާކަމަށް ހަމަ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ވަޒީރުން އެބަޖަވާބުދެއެވެ. އެއްވަޒީރަކު އަނެއް ވަޒީރެއްގެ ބޮލުގައި ކަންކަން އަޅުފާވައި ޖަބާވުދިނުމަށް އިއުތިރާޒު ކުރުން އާންމުވެއްޖެއެވެ. ރައްޔިތުންނޭވެ. ވިސްވަނާށެވެ. ރިޔާސީ ނިޒާމުގައި ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އިންކާރު ކުރަމުންދާ އުކުޅުތައް މިއޮއްގެން ތަކުރާރުވަމުން ދަނީއެވެ. ރިޔާސީ ނިޒާމުގެ ދޯދިޔާކަމުގެ ދިރިހުރި މިސާލުތައް ކޮންމެ ޖަލްސާއަކުން ފެންނަމުން އެބަދެއެވެ.

ހއ.ބާރަށު ކުޅީގެ މައްސަލާގައި ހއ.މެންބަރު ޖައުސާ ޖައުފަރު މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެނަރޖީ އެންޑް ވޯޓަރ އަހުމަދު އަބްދުﷲ އާއި ސުވާލުކުރުމުން ޖަވާބަކީ ތިކަން މިހާރު ވާނީ ފިޝަރީޒް މިނިސްޓްރީގެ ދާއިރާގައި ކަމަށާއި ޖަވާބުދެއްވޭނީ އެފަރާތަށް ކަމަށެވެ. އަދި އެމައްސަލާގައި ކުރެވުނު އެއްވެސް ސުވާލަކަށް ޖަވާބެއްނުދެއްވައެވެ. ތ.ހިރިލަންދޫ ބަނދަރުގެ މައްސަލާގައި ތ.އަތޮޅު މެންބަރު މުހައްމަދު ޝަރީފު، ބަނދަރާބެހޭ ގޮތުން މިނިސްޓަރު މަޢުރޫފު ޖަމީލާއި ސުވާލުކުރެވުމުން ޖަވާބަކީ ހިރިލަންދޫ ބަނދަރު ހަދަނީ ލޯނެއްގެ ދަށުންކަމާއި އެކަމާބެހޭ ސުވާލުކުރެވެންވީ ފިނޭންސް މިނިސްޓަރާއި ކަމެވެ. މިމައްސަލާގައި ކުރެވުނު ސުވާލަކަށް ބަނދަރުމިނިސްޓަރު މަޢުރޫފު ޖަމީލުގެ ޖަވާބަކީ “އަޅުގަނޑު ޖަވާބުދޭކަށް ނެތިން” މިއެވެ.

އިހަށް ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހެލްތު މިނިސްޓަރު އަދި ލ.އަތޮޅު މެންބަރު އިލްޔާސް އިބްރާހީމް އެނަރޖީ މިނިސްޓަރު ކުރެން އައްސަވަނީ މަދިރީގެ މައްސަލަ އެއީ ސަރުކާރުގެ ކޮން އިދާރާއަކުން ބައްލަވަންޖެހޭ ކަމެއްތޯއެވެ. އަހުމަދު އަބްދުﷲގެ ޖަވާބަކީ އެއީ ހެލްތު މިނިސްޓްރީއާ ބެހޭ ކަމެއް ކަމަށެވެ. މިހިރީ ކަންހުރިގޮތެވެ. ވަޒީރުން ދެކޮޅަށް ބޯޅަ ޖަހަޖަހާ ތިބެނީއެވެ. ރައްޔިތުންނަށް ކުރެވޭ ކަމެއް ހަރާމެވެ. ރިޔާސި ނިޒާމުގައި މިނިސްޓަރުންނަށް ތިމާމެންގެ ޒިންމާތައް ނޭގެއެވެ. ސަރުކާރުގެ ޕޮލިސީއެއް އޮންނަނީ ނަމެއްގައެވެ. ވަގުތު ޖެހުމުން ކޮންމެ ކަމެއްވެސް ކޮއްލަނީ ސިޔާސީ މަޤްސަދުގައި ފީކަޅާ ގޮތަކަށެވެ. ރައީސުލްޖުމްހޫރިއްޔާއަށް ވައިއެޅުވުމާއި ރައްޔިތުން ހެއްދުންނޫން ކަމެއް ރިޔާސީ ނިޒާމުގައި ވަޒީރުންނަށް ކުރެވޭކަމަކަށް ނުވުއެވެ.

ހަމައެހެންމެ ލ.ހިތަދޫގެ ކަރަންޓުގެ ދަތިކަން ޙައްލުކުރުމުގެ މައްސަލާގައި ރީކޯ މޫސަ މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެނަރޖީ އެންޑް ވޯޓަރ އަހުމަދު އަބްދުﷲ އާ ސުވާލުކުރުމުން، ޖަވާބަކީ ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް އެއްހަމައަކުން ކަރަންޓުގެ ޚިދުމަތް ދިނުންކަމަށާއި، އެކަމަށް ވިސްނަވާ ކަމަށާއި އެކަމަށް ވަތުގުނަގާނެ ކަމަށެވެ. މިއާ ވިއްދައިގެން ނ.އަތޮޅުމެންބަރު އަބްދުﷲ ޔާމީން އެއްސެވީ އެއްހަމައަކުން ކަރަންޓްގެ ޚިދުމަތް ގެނެސްދިނުމަކީ ރައްޔިތުންނަށް އުފާވެރި ޚަބަރަކަށްވާއިރު، ރާއްޖޭގައި އެކި ސައިޒުގެ ރަށްތައް ހުރިއިރު، އެއްހަމައަކުން ކަރަންޓް ދިނުމަށް ސްޓެލްކޯ ނުވަތަ އެހެން ބަޔަކަށް ޖެހުނަސް، ސަރުކާރުން ބޮޑު ސަބްސިޑީއެއް ދޭން ޖެހޭ ކަމަށާއި، އެކަން ކުރަން ވިސްނަވަނީ ކިހިނެއްތޯ އަދި އެފައިސާ ހޯދާނީ ކޮންގޮތަކުންތޯ؟ މިއިން އެއްވެސް ސުވާލަކަށް މިނިސްޓަރަށް ޖަވާބެއް ނުދެވުނެވެ. ހާމަވެގެންދިޔަކަމަކީ މިއިން އެއްވެސް ކަމަކާމެދު މިކަން ކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅޭކަމާއި، ރައްޔިތުން ލޮލުގައި އަދުން އަޅުވަން ފޮނި ވާހަކަތަކެއް މިނިސްޓަރު މަޖިލީހަށް އިއްވީކަމެވެ.
މިއީ މިއަދު ރައްޔިތުން ވަރަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ. ރިޔާސީ ނިޒާމުގައި ވަޒީރުން ރައްޔިތުންގެ މަޖިލީހުގައި ކުރާ ސުވާލުތަކަށް ޖަވާބުދިނުމަށް އިންކާރުކުރަމުން ދާތަން ތާއަބަދު މިދަނީ ފެންނަމުންނެވެ. ސުވާލުކުރުމަށް 14 ދުވަހުގެ ނޯޓިސްވެސް ދޭންޖެހެއެވެ. އެކަމަކު ބަރުލަމާނީ ނިޒާމުގައި މިނިސްޓަރުން ތިބޭނީ މަޖިލީހުގެ ތަޅަމުގައެވެ. ޖަލްސާއެއް ބާއްވާނަމަ އަބަދު ފެންނަގޮތަށެވެ. ސުވާލަށް ޖަވާބުނުދީ ފަރުޖެހޭކަށް ނޯންނާނެއެވެ. ޖަވާބުދިނުން ނޫންއެހެން ގޮތެއް ނޯންނާނެއެވެ.

ބަރުލަމާނީ ނިޒާމުގައި އެއްވަޒީރަކު އަނެއްވަޒީރެއްގެ ބޮލުގައި ކަންކަން އަޅުވާފައި ނިންމާލެވޭކަށް ނޯންނާނެއެވެ. ހުރިހާކަމެއްވެސް ކުރެވޭނީ މަޝްވަރާ ކުރެވިގެންނެވެ. އެވަޒީރެއްގެ މަސްއޫލިއްޔަތާއި މެންޑޭޓް ވަރަށް ސާފުކޮށް އެގެން އޮންނާނެއެވެ. ވެރިކަން ހިންގާ ޕާޓީގެ ސިޔާސަތު އޮންނާނީ ކުރީގައިބަ ރައްޔިތުންނަށް ހާމަކޮށްދާދީފައެވެ. ކުރަން ޖެހޭ ކަންކަމާއި ކުރަން ނުޖެހޭ ކަންކަން ވަރަށް ސާފުކޮށް ފެންނަން އޮންނާނެއެވެ.

ރިޔާސީ ނިޒާމެއްގައި ކޮންމެ ވަޒީރަކުވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވުން ނޫންކަމެއް ނުކުރެއެވެ. ރިޔާސީ ނިޒާމުގައި ވަޒީރުކަން ދެނީ ރައީސެވެ. ޖަވާބުދާރީވާންޖެހެނީ ހަމައެކަނި ރައީސަށެވެ. ރައްޔިތުންނަކަށް ޖަވާބުދާރީއެއް ނުވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބައްލަވާށެވެ. ކޮންމެ ޖަލްސާއަކުން މިކަން ފެނިގެންދާނެއެވެ. ބަރުލަމާނީ ނިޒާމުގައި ވަޒީރުކަން ދެނީ ރައްޔިތުންނެވެ. ޖަވާބުދާރީ ވާންޖެހޭނީވެސް ރައްޔިތުންނަށެވެ.

އަދި ބަރުލަމާނީ ނިޒާމުގައި ސަރުކާރުގެ އެންމެ އިސްވެރިޔާ ކަމަށްވާ ބޮޑުވަޒީރު ރައްޔިތުންގެ މަޖިލީހުގައި އޭނާ އިންނަވާނެއެވެ. އެކަމަކު ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާ ކިތަންމެ ބޮޑު ގޯހެއް ހެދިޔަސް، ޤާނޫނުތައް މުގުރައި ދޮގުހަދަމުން، ރައްޔިތުން ތަޅާމަރަމުން ދިޔަޔަސް، ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުން ސުވާލުކުރެވޭގޮތް ވަރަށް ދައްޗެވެ. މިސާލަކަށް މިވެނި ދުވަހެއްގައި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ ނެރޭނަކަމަށް، މިވެނި ދުވަހެއްގައި ދިވެހި ރާއްޖޭގައި ޔުނިވަރސިޓީއެއް ޤާއިމް ކުރާނެކަމަށް އިޢުލާންކޮށް އެކަން ފޭލްވެގެން ދިޔަޔަސް ރައީސުލްޖުމްހޫރިއްޔާ އާއި އެކަމާބެހޭގޮތުން ސުވާލެއްވެސް ކުރެވޭކަށް ރިޔާސީ ނިޒާމުގައި ފުރުސަތި ވަރަށް ކުޑައެވެ. ރައީސްގެ ހައިބަތު ބޮޑުކަމުން މިކަހަލަ ސުވާލަކަށް ޖަވާބު ދޭން މަޖިލީހަށް ފޮނުވާނީ ރައީސްގެ ފަރާތުން ކޮންމެވެސް މީހެކެވެ. މިއާ ޚިލާފަށް ބަރުލަމާނީ ނިޒާމުގައި ބޮޑު ވަޒީރަކަށް ހުންނަމީހާއަށް ހިތުހުރިގޮތަކަށް ވެރިކަން ކުރެވޭކަށް ނޯވެއެވެ. ހަމަ ޤަވާއިދުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެއެވެ.

ވުމާއެކު ޖުމްލަގޮތެއްގައި މިދެކެވޭ ވާހަކައަކީ ރިޔާސީ ނިޒާމަކީ ރައްޔިތުންނަށް ޖަވާބުދާރީވުމަށް ހުރަސް އަޅާ ނިޒާމެއް ކަމެވެ. ބަރުލަމާނީ ނިޒާމަކީ ވެރިން ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ، ހަރުދަނާ ޓްރާސްޕޭރެންޓް، ޒިންމާދާރު، ވާނުވާ ރައްޔިތުންނަށް އެގޭ، ދޮގުހަދާ ވެރިންނަށް މުސްތަޤްބަލެއްނެތް، ރައްޔިތުންނަށް ހިތްހަމަޖެހުން އޮންނާނެ ނިޒާމެކެވެ

Share/Save/Bookmark
ޒުވާނުންގެ ނިޒާމް - ބަރުލަމާނީ ނިޒާމް؛ ވިހިތިރީސް އަހަރުގެ ޒުވާނުން މިފަހަރު ޑިކްޓޭޓަރު ސައިޒަށް ކަނޑާލާނެ!!
ލިޔުނީ:މޫސަ


ވިހި ތިރީސް އަހަރުގެ ޒުވާނުންނަކަށް މިޤައުމުގެ މާޒީ ނޭގޭނެކަމަށް ބުނެ ޑިކްޓޭޓަރުގެ ޕްރޮޕެގެންޑާ ޗެނަލް، ޓެލެވިޜަން މައުމޫނު (ޓީވީއެމް)އިން ޅެން ކިޔާތާ އަހަރެއްވެއްޖެއެވެ. ތާއަބަދަށް ޒުވާނުން ސިޔާސީ ކަންކަމުން ދުރުކޮށް މަސްތީވަބާގައި ޖައްސާ ބޭކާރުބައެއްގެ ގޮތުގައި ތިބުން އެއީ ދެންމާޒީ އެވެ. ޚުދުމުހުތާރު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގޮތްޕެއްފަދަ ޑިކްޓޭޓަރުގެ ބައިގަނޑު ޑީއާރުޕީއާއި ޑިކްޓޭޓަރު، ޤައުމީ ކަންކަމުން ޒުވާނުން ބާކީކޮށް، ފަތާއި ހަކުރާއި ކަނޑިއާއި ލަޓިބުރިތަކުގެ އަހުލުވެރިންގެ ގޮތުގައި ގިނަ ޒުވާނުންތަކެއް އޮއިސެއްލި ވައިސެއްލިއަށް ލާހޫރެމުން ދާ އިރު ވެރިކަމުގެ ފަރާތުން އެމީހުންނާ އަޅާނުލައި، ދިވެހި ޒުވާނުން ސިޔާސީ ކަންކަމާ ނުބައްސައި ދިވެހި ޒުވާނުން ބާކީ ކުރަމުން އައި އައުން، އެމްޑީޕީގެ ހިތްވަރުން ހުއްޓުވައިފިއެވެ.

ދިވެހިރާއްޖޭގައި އޮންނާނެ ވެރިކަމުގެ ޒިނާމެއް ކަނޑައެޅުމުގައި 18 އަހަރުފުރިފައިވާ ދިވެހި ޒުވާނުންނަށް އެފުރުސަތު ދިނުމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ބުނެ، ޚާއްސަ މަޖިލީހުގެ ރިޔާސަތުގައި އަގުވެއްޓި އިތުބާރުގެއްލިފައިވި ޚުދުމުހުތާރު އައްބާސް އިބްރާހިމާއި ޝާހީން ހަމީދާއި ބައިވެރިވެ، ވޯޓު ލުމުގެ ހައްޤު ޒުވާނުންގެ ކިބައިން ނިގުޅައިގަންނަން ޑީއާރުޕީން އައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމްޑީޕީ ހިތްވަރުގަދަ ޕާލަމަންޓަރީ ގްރޫޕާއި އެމްޑީޕީގެ ކެރޭ ހީވާގި އެކްޓިވިސްޓުންގެ ޖިހާދުން ދިވެހި ޒުވާނުންނަށް ވޯޓުލުމުގެ ފުރުސަތު ތަނަވަސް ކޮށްދީފިއެވެ. 18 އަހަރުވެފައިވާ ޒުވާނުންނަށް ކުރިއަށް އޮތް ވެރިކަމުގެ ނިޒާމުގައި ވޯޓްލެވޭނެ ކަމަށް ޚާއްސަ މަޖިލީހުން ފާސްވީ ޕީއޭގެ ތާއީދާއެކު، އެމްޑީޕީއިން މެދުނުކެނޑި ގޮތްދޫނުކޮށް ޑީއާރުޕީއާ ޖަދަލުކޮށް، ޒުވާނުންގެ ހައްޤުގައި ވީ ޤުރުބަނީގެ ނަތީޖާއެވެ. ދިވެހި ޒުވާނުން މިކަން ވަރަށް ފުރިހަމައަށް ބަލައިގެންފައިވާކަން މިހާރުކުރިއަށް މިދާ ވެރިކަމުގެ ނިޒާމުގެ ކެމްޕޭނުން ވަރަށް ހާމަކަން ބޮޑުގޮތެއްގައި އެބަފެނެއެވެ. ފެންނަމުންމިދަނީ ދިވެހި ޒުވާނުން ބަރުލަމާނީ ވެފައި ތިބިތަނެވެ.

މުޅިރާއްޖޭގައި ޤައުމީ ފެންވަރުގައި ކުރިއަށް މިދާ ބަރުލަމާނީ ކެމްޕޭނުގައި ގިނަ އަދަދެއްގެ ޒުވާނުން އަމަލީ ގޮތުން ބައިވެރިވަމުން ދާއިރު، ގިނަ އަދަދެއްގެ ޒުވާނުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރަމުން ދާކަމީ، ޑިކްޓޭޓަރަށާއި ޑިކްޓޭޓަރަށް ޒުވާނުންގެ ތާއީދެއް ނެތްކަމުގެ ހެއްކެކެވެ. ޒުވާނުން ޑިކްޓޭޓަރާއި ދެކޮޅުވެ އެމްޑީޕީކޮޅަށް ދީލާލަނީ ސަބަބުތަކެއް ނެތިގެނެއްނޫނެވެ. ޑިކްޓޭޓަރުގެ ޒަމާންވީ އޮބިއެޅުވުންތަކާއި ހިފެހެއްޓުންތަކުން ސަލާމަތްކޮށް ސިޔާސީ ގޮތުން ހަމަޖެހުމުގެ ނޭވާއެއްލުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ހޯދައިދިނީ އެމްޑީޕީން ކަމަށް ވާތީއެވެ. ޑިކްޓޭޓަރުގެ މިހަތްތަރު ބަލާވެރިކަމުން ދިވެހި ރައްޔިތުން ސަލާމަތްކުރަން އެމްޑީޕީން ކުރަމުން ދާ ހައްޤު ޖިހާދުގައި މިއަދު ދިވެހި ޒުވާނުން ސާބިތުވެއްޖެއެވެ.

ޚާއްސަކޮށް 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ޑިކްޓޭޓަރު ޢިއުލާނު ކުރުމާގުޅިގެން ދިވެހި ޒުވާނުންގެ ލޭ ވަނީ ހޫނުވެފައެވެ. މިޤައުމުގައި ދެން އިތުރަށް ޑިކްޓޭޓަރު ބޭނުންހާ ގޮތަކަށް ކަންކަން ކުރެވުނުދުވަސް މާޒީވެ، އެފަދަ މާހައުލެއް މިހާރު ޑިކްޓޭޓަރަށް ނެތްކަން ކުރިއަށް މިއޮތް ވެރިކަމުގެ ނިޒާމުގެ ވޯޓްގެ ނަތީޖާއާއެކު ކަނޑައެޅިގެން ދާނެއެވެ. 29 އަހަރުވެފައިވާ އޭޝިޔާގެ އެންމެ ގިނަދުވަސްވީ ދަގަނޑު ގޮށްމުށުގެ ޚުދުމުހުތާރު ވެރިކަމުން މިންޖުވުމަށްޓަކައި، ކުރިއަށް މިއޮތް އާންމު ވޯޓުގެ އިންތިޚާބުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ ހަމައެކަނި އެމްޑީޕީ މެންބަރުން ނެއްނޫނެވެ. ޤާނޫނީ ގޮތުން ޕާޓީތަކަށް ސޮއި ކުރުމުގެ ފުރުސަތު ލިބިފައި ނުވާ 18 އަހަރާއި 21 އަހަރާ ދެމެދުގެ ގިނަ އަދަދެއްގެ ޒުވާނުންވެސް ދަނީ ބަރުލަމާނީ ނިޒާމަށް ކެމްޕޭން ކުރަމުންނެވެ. ހަމައެހެންމެ ޢަދާލަތުޕާޓީއާއި އައިޑީޕީގެ ޒުވާނުން ވެސް ބަރުލަމާނީ ނިޒާމަށް ކެމްޕޭން ކުރަމުންދާކަމީ މިކަމަށް ލިބޭ އިތުރު ބާރެކެވެ.

ޑިކްޓޭޓަރު ކިތަންމެ ވަރަކަށް 2008 ގައި އޮންނަ ރިޔާސީ އިންތިޚާބޭ ކިޔަސް، ރިޔާސީ ނިޒާމުގައި ޑިކްޓޭޓަރު ރައްޔިތުން ގިއްގަޅުވަފައިވާ މާޒީ ޒުވާނުންނަށް އޮޅިފައެއްނެތެވެ. ވިހިތިރީސް އަހަރުގެ ޒުވާނުންނަށް ވަރަށް ރަގަޅަށް މާޒީގައި ޑިކްޓޭޓަރު ޚުދުމުހުތާރު ވެރިކަން ކޮށްފައިވާ ގޮތް އެގެއެވެ. އެންމެފަހުން ރިޔާސީ ނިޒާމުގައި ވެރިކަމުގެ ހުވާކުރިއިރު ބަޑިގެންގުޅުނުކަން ނުވަތަ ނޫންކަން ނޭގުނެއްކަމަކު، މީގެ 29 އަހަރުކުރިން ޑިކްޓޭޓަރު ހުވާކުރިއިރު އަންބޮޑި ދަށުގައި ފިސްތޯލަ ހުރިކަން 18 އަހަރުގެ ޒުވާނުންނަށްވެސް ވަރަށް ސާފުކޮށް އެގެއެވެ. ރައްޔިތުންގެ ބާރު، ޒުވާނުންގެބާރު އޮންނަނީ ބަރުލަމާނީ ނިޒާމުގައިކަންވެސް ޒުވާނުންނަކަށް އޮޅިގެނެއް ނޫޅެއެވެ.

ވުމާއެކު ދިވެހި ޒުވާނުންނަކީ ފިސާރު ރަގަޅަށް ދެނެތިބި ބައެއްކަން ކުރިއަށް މިއޮތް ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ އާންމުވޯޓުގެ ނަތީޖާއިން ޑިކްޓޭޓަރަށް ދައްކުވައިދޭނެއެވެ. 90 އިންސައްތައިން މަތިހޯދުމުގެ ރިޔާސީ އިންތިޚާބުތަކަށް ދެން ޓާޓާ ކިޔާލާށެވެ. ދެން ލަލަލާ.. އެވެ. އެއީ މާޒީއެވެ. އާއެކެވެ، ދިވެހި ޒުވާނުން އެމާޒީ ތަކުރާރުކުރާކަށް ފުރުސަތެއް ނުދޭނެއެވެ. ކުރިއަށް އޮތް ވެރިކަމުގެ ވޯޓު ކާމިޔާބުކުރާނީ ދިވެހި ޒުވާނުންނެވެ. ވިހިތިރީސް އަހަރުގެ ޒުވާނުންނެވެ. ބަރުލަމަނީ ނިޒާމެވެ.

Share/Save/Bookmark
ވެރިކަމުގެ ނިޒާމުގައި ވޯޓުދެއްވާނެ، އަދި ވޯޓުގައި ބައިވެރިނުވާން ވިސްނަވާ ރައްޔިތުންނަށް އިޚްލާސްތެރި އިލްތިމާސެއް
ލިޔުނީ:މޫސަ



ޚުދުމުހުތާރު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގޮތްޕެއްފަދަ ޑިކްޓޭޓަރުންގެ ބައިގަނޑު ޑީއާރުޕީއިން، މުސްތަޤުބަލްގައި ދިވެހި ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ވޯޓު ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަން ކެނޑިނޭޅި މަސައްކަތް ކުރަމުން އައި ހިނދު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހިތްވަރުގަދަ އެކްޓިވިސްޓުންނާއި، އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގެ ޤުރުބާނުން، ދިވެހީންގެ މުސްތަޤުބަލް، ދިވެހިންގެ ވެރިކަން ކަނޑައެޅުން ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދީފިއެވެ. ހަމައެހެންމެ ޢުމުރުން 18 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުންނަށް ވޯޓުލުމުގެ ޙައްޤު ދިނުމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ޑީއާރުޕީއިން ކުރަމުން އައި ޣައިރު ޤާނޫނީ ދަޢުވާއަށް ސިޔާސީ ގޮތުންނާއި ޤާނޫނީގޮތުން ގޮންޖަހައި، ވަރުގަދަ ޖިހާދަކަށްފަހު، ލޭއޮހޮރުވުމަކާއި ނުލައި، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ފަރުދަކަށް، އޮގަސްޓް 18 ވަނަ ދުވަހު އޮންނަ ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ތާރީޚީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު އެމްޑީޕީއިން ހޯދައިދީފިއެވެ. ހަމައެހެންމެ އެމްޑީޕީގެ ތާރީޚީ ނަމޫނާ ޑިމޮކްރެޓިކް އިންތިޚާބަށް ފަހު އެމްޑީޕީގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެފައިވާ ގޮތަށް، މިފަހަރު ވޯޓުލެވޭ ކޮންމެ ރަށެއްގައި ވޯޓު ފޮށު ހުރި ސަރަހައްދެއްގައި ވޯޓު ގުނައި ވަގުތުން ނަތީޖާ ޢިއުލާން ކުރަންޖެހޭ ކަމަށްވެސް އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕުގެ މަސައްކަތުން މަގުފަހިކޮށްދީފިއެވެ. އަދި ހުރިހާ ސިޔާސީޕާޓީތަކުގެ މަންދޫބުންނަށާއި ނޫސްވެރިންނަށް ވޯޓުލުން ކުރިއަށްދާގޮތް އޮބްޒާވް ފުރުސަތުވެސް ތަނަވަސްކޮށްދީފައި މިވަނީ އެމްޑީޕީ އަދި ޕީއޭ އަދި ވަކި ފަރާތަކަށް ނުޖެހޭ ކޯލިޝަންގެ ހިތްވަރުންނެވެ.

މިދައްކަނީކީ ތޯތޯވާހަކައެއްނޫނެވެ! ޚާއްސަ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ޔައުމިއްޔާތަކުން މިކަން އެއޮތީ އެއްވެސް ފޮރުވުމެއްނެތި ފެންނާށެވެ. އެމްޑީޕީއާއި ޑީއާރުޕީއާ ދެމެދު ދަރުބާރުގޭގައި މާޗްމަހުގެ ކުރީކޮޅު ބޭއްވި ސައްލާކުރުންތައް ހުއްޓާލަން ޖެހުނީ، ވެރިކަމުގެ ނިޒާމްގެ އާންމު ވޯޓު ކެންސަލްކުރަން އެއްބަސްވުމަށް ޑީއާރުޕީއިން ހުށަހެޅި ހުށަހެޅުމަށް އެމްޑީޕީއިން ތާއީދުނުކޮށް ރައްޔިތުންގެ މަސްލަހަތުކުރިއަށް ނެރުމުންނެވެ. އަދި ޑީއާރުޕީއިން ދޮން މީހުން ގެނެސްގެން އާންމު ވޯޓު ކެންސަލް ކުރަން އަބުއިގޮތަކަށް ލަފާވެސް ނެރުނުކަން ހަދާން ކުރަން އެބަޖެހެއެވެ. އަދި ޑީއާރުޕީގެ ކަމުވޮށިގެންވާކަމަށް ދަޢުވާކުރާ ކައުންސިލްގެ ލަފައެއް ނެތި، ޒަޢީމުގެ ޚުދުމުހުތާރު ނިންމުމަކަށްވީ ރިޔާސީ ނިޒާމު ޚިޔާރު ކުރުމެވެ. މިކަމުގެ ސަބަބުން އިސްލާހޭ، އެންމެ އިތުބާރުކުރެވޭ ހަރުދަނާ ޕަޓީއޭ، ޒުވާން ވަޒީރުންނޭ، ނިއުމޯލްޑިވްސްއޭ، ކަހެރުވަކޭ ކިޔަމުން އައި ޑީއާރުޕީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް ހުތުރުގޮތަކަށް އޮރިޔާންވެ ބޮލާފޮށާއެޅިފައިވަނީ، އުފާކުރުން ޙައްޤު ދަރަޖަ އަކަށެވެ.

ޑީއާރުޕީގެ މިހީލަތްތެރި ޚިޔާނާތުގެ ނަތީޖާއަކަށްވެގެން ދިޔައީ، ރިޔާސީ ނިޒާމު ޕްރޮމޯޓްކޮށް ކެންވާސް ކުރަން ރަށްފުށުގެ ރަށްތަކަށް ދިޔުމުން، ވަކަރުގޭ ޝަރީފުމެން، ކޮންޑަލީޒާ ރައިސްމެންނަށް އޮއްގަލާއި ފައިވާނުން މަރުޚަބާ ކިޔައި، ވެހޭވާރޭތެރޭން ޑީއާރުޕީގެ ވީއައިޕީ ވަފުދުތަކަށް ވީހޭޓްޔޫއޭ ބުނެ ވަރަށް ނިކަމެތި ގޮތަކަށް ރަށްރަށުން ފައްސާލުމެވެ. ޑީއާރުޕީގެ ރިޔާސީ ކެމްޕޭންގެ ނާކާމިޔާބު ދަތުރުތަކަކީ، މިފަދަ ނިކަމެތި ސިލްސިލާ ނާކާމިޔާބީއެއް ސިޔާސީ ޕާޓީއަކަށް އަމާޒުވި ފުރަތަމަ ފަހަރެވެ. ޚާއްސަކޮށް ޑީއާރުޕީގެ އެންމެ މެންބަރުން ގިނަކަމަށް ދަޢުވާކުރަމުންދާ ރަށްރަށުން އެމީހުންނަށް ލިބުނު ނާކާމިޔާބީގެ ހަޤީޤަތަކީ އާންމު ވޯޓު ނެގިޔަ ނުދިނުމަށް އަދި 18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓުލުމުގެ ހައްޤުނުދޭން ޑީއާރުޕީން ކުރަމުންއައި ވިޔާނުދާ ލާއިންސާނީ އަނިޔާވެރިކަމުގެ ބަދަލެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން ސިޔާސީ ކަންކަމާމެދު ވިސްނާ ގިނަބަޔަކު މިއަދު ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބަރުލަމާނީ ނިޒާމާއި ޚިލާފަށް ރިޔާސީ ނިޒާމެއްގައި ވަޒީރުންނަކީ އެއްވެސް ބާރެއްނެތް، ރައްޔިތުންގެ މަޖިލީޖަށް ޖަވާބުދާރީ ވާންނުޖެހޭ، ވަކި މީހަކު ބުނާހާގޮތަކަށް ކަންކުރަން ޖެހޭ ރައްޔިތުންނަށްވުރެ ވެރިކަމުގެ މަސްލަހަތަށް ވަފާތެރިވާންޖެހޭ ވެރިމީހާގެ އަޅުން ކަމަށް ވުމެވެ. މިހާރު ޢާއްމުކޮށްގެން އުޅޭ ރިޔާސީ ނިޒާމުގެ މަޢުލޫމާތު ކަރުދާހުން މިކަން ސާފުކޮށް އެގޭނެއެވެ. ބަރުލަމާނީ ނިޒާމެއްގައި ކޮންމެ ދުވަހަކު ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވި ސުވާލުކުރެވޭއިރު، ރިޔާސީ ނިޒާމެއްގައި ވެރިޔަކަށް ހުންނަމީހާ ވެރިކަމުގައި ހުރިހާ ދުވަހަކު އޭނައާ ސުވާލުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ރިޔާސީ ނިޒާމެއްގައި މިރާއްޖެ މިއޮތް ހުރިހާ ދުވަހެއް ވީއިރު މިއީ މުއްސަދިން މުއްސަދިކޮށް ފަޤީރުން އިތުރަށް ފަޤީރުކުރުވަމުންދާ ނިޒާމެއްކަން ދިވެހިރައްޔިތުން މިއޮތީ ތަޖުރިބާކޮށްފައެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ނިކަމެތި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ރައްޔިތުންގެ ފައިސާއިން ހުޅުމާލެ ހިއްކާފައިވީ ނަމަވެސް އެބިން އެއޮއްގެން ބޭނުން ކުރެވެނީ މުއްސަދިންގެ ތަނެއްގެ ގޮތުގައެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ނިކަމެތި ރައްޔިތުންގެ ތެރެއިން ހުޅުމާލެއިން ޖާގަ ލިބުނު މަދު މީސްކޮޅަށްވެސް ވެރިކަމުގެ ބާރުގެ ދަށުގައިވާ ކޯޓުތަކުން ހުކުމްކޮށް މަގުމަތިކުރަމުންދަނީ އެވެ.

އެކަކު ގިނަ ދުވަހު ވެރިކަމުގައި ހުރުމަކީ ރަގަޅުގޮތެއްނޫން ކަމަށާއި އެއީ މީހުން ފޫހިވެސްވާނެ ކަމެއްކަމަށް ބުނުމަށްފަހުވެސް ރިޔާސީ ނިޒާމެއްގައި ހަމަ ތިރީސްއަހަރު ވެރިކަން ކުރުމަށްފަހު އަނެއްކާވެސް އަނެއް ފަސްއަހަރު ވެރިކަން ކުރަން ކުރިމަތިލާނެ ކަމަށް އެއް އަގައަކުން ރިޔާސީ ނިޒާމުގެ ރައީސް އިޢުލާނު ކުރިއިރުވެސް އޭނާއާ ދޭތެރޭ ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތެވެ. ރިޔާސީ ނިޒާމެއްގެ ދަށުން މިޤައުމަށް މަސްތުވާތަކެތި އެތެރެކޮށް އެވަގު ވިޔަފާރި ފުޅާވެ، ޤައުމުގެ އާބާދީ ހަލާކުވެގެން ދިޔައިރުވެސް، މަސްތުވާތަކެތީގެ ވިޔަފާރިއަކީ ބައިނަލް އަޤްވާމީ ވަރަށް ފުޅާ ވިޔަފާރިއެއްކަމަށް ވަރަށް ހަމަޖެހިފައި ބުނި ގޮތުން ހީވަނީ މިއީ ބޮޑު އިޤްތިސާދީ ކަމެއް ހެން، އެއްގޮތަކަށްވެސް މިއީ ބައިނަލްއަޤްވާމީ ވަގު ވިޔަފާރިއެއްކަން ހާމައެއްނުކުރިއެވެ. ރިޔާސީ ނިޒާމެއްގައި ފުލުހުން ރާއްޖޭގެ ރަށްރަށްއަރައި އަނިޔާވެރި ޖަރީމާތައް ހިންގަމުންދަނީއެވެ. ރިޔާސީ ނިޒާމެއްގައި ދައުލަތުގެ މީޑިއާ އަކީ ދޮގު ޚަބަރު ފަތުރާ ޕްރޮޕެގެންޑާ ޗެނަލެއް ކަމުގައި ހަދައިފިއެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ޤާނޫނާ ޚިލާފަށް ސައްތައިން ސައްތަ އިސްލާމީ މިޤައުމުގައި 40 ފޫޓުގެ ބުދު ބެހެއްޓުމުގެ ފުރުސަތު ދިނީއެވެ.

މިދަންނަވާލީ ރިޔާސީ ނިޒާމެއްގައި ހުރި ވޭންދެނިވިކަމުގެ ދިރިހުރި މިސާލުތަކެކެވެ. ދިވެހި އުޑުދަށުގައި ރައްޔިތުން ހޭދަކުރާ ކޮންމެ ދުވަހަކު މިޤައުމުގެ ހަތަރެސްކަނުން ފެންނަމުންދަނީ ރިޔާސީ ނިޒާމެއްގައި ދިވެހި ރައްޔިތުން ކަރުނަ އަޅަމުންދާ ހިތްދަތި ތަޖުރިބާތަކެވެ. މިޤައުމުދެކެ ލޯބިވާ ކޮންމެ ދަރިޔަކުވެސް މިނިކަމެތިކަމުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ބަރުލަމާނީ ނިޒާމަށް ވޯޓު ދިނުމަކީ މުހިއްމު ކަމެކެވެ. ރިޔާސީ ނިޒާމަށް ދެވޭ ކޮންމެވޯޓަކީ ތިމާމެންގެ އަތުން ޤައުމުގެ މުސްތަޤުބަލް ބޯ ވިލާތަކުން ބަނަކޮށްލުމެވެ. މިހެން ދަންނަވާއިރުވެސް ގިނަ ދިވެހި ރައްޔިތުންގައިގާ ހިގަނީ ބަރުލަމާނީ ލޭކަން އެބަ އެގެއެވެ. ނަމަވެސް 2008 ގައި ރިޔާސީ އިންތިޚާބުގެ ހުވަފެނީ ދުނިޔޭގައި ވެރިކަމުގެ މަސްތުވެގެން އުޅޭ ޑިކްޓޭޓަރު ފިޔަވައި އެހެން އެއްވެސް ދިވެހި ރައްޔިތަކު، ވޭތުވެދިޔަ 29 އަހަރު އަހަރު މިޤައުމު ގިއްގަޅުވާލި ރިޔާސީ ނިޒާމަށް ވޯޓު ދިނުމަކީ އަޅުގަނޑު އެދޭ ކަމެއްނޫނެވެ. ޚުދު ޑިކްޓޭޓަރުގެ ކޮއްކޮ ޔާމީންވެސް ބަރުލަމާނީ ވެއްޖެއެވެ. މިޤައުމުގައި ތިބިހާ ޤާނޫނީ ފުންނާބުއުސް މާހިރުން ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށެވެ. ޑރ މުހައްމަދު މުނައްވަރެވެ. އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. ހުސްނުއް ސުޢޫދެވެ. ޤައުމުގައި ތިބިހާ ވިޔަފާރިވެރިން ބަރުލަމާނީވެއްޖެއެވެ. އަބްދުﷲ ޖާބިރެވެ. ޖައުފަރު އީސާ އާދަމެވެ. (ގައްދޫ) ޒާހިރު އާދަމެވެ. ޤައުމުގައި ތިބިހާ ޒުވާނުން ތާއީދުކުރަނީ ބަރުލަމާނީ ނިޒާމަކަށެވެ. އެންމެފަހުން އަންނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރާނެކަމަށް ޑިކެޓޭޓަރު އިއުލާންކޮށް އެގުއިރޯނުގައި ޑިކްޓޭޓަރު ޖެހުމާއެކު ޤާސިމް އިބްރާހީމާއި އޭނާގެ އައުލާދުންވެސް ބަރުލަމާނީވެއްޖެއެވެ. ވުމާއެކު ދިވެހި ރައްޔިތުންގެ ހައިރާންކުރުވަނިވި ބޮޑު އަޣުލަބިއްޔަތަކުން ބަރުލަމާނީ ނިޒާމް ފާސްވެގެންދާއިރު، ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުމުގެ ޖޯޝުން ފުރިގެންވާ ޤައުމީ އުފަލުގައި ޝާމިލްވުމުގެ ފުރުސަތު ނަގާނުލައި، ޑިކްޓޭޓަރު ފިޔަވައި އެހެން ހުރިހާ ދިވެހި ރައްޔިތުން ބަރުލަމާނީ ނިޒާމަށް ވޯޓުދެއްވަމާތޯއެވެ. ޒުވާނުންގެ ނިޒާމް- ބަރުލަމާނީ ނިޒާމް- ރައްޔިތުންގެ ބާރު ރައްޔިތުންނަށް. (ނިމުނީ

Share/Save/Bookmark

Tuesday, July 24, 2007

ޚާއްސަ މަޖިލީހުގެ 11 މެންބަރުންގެ ވަލީ ކޮމެޓީއަށް އިލްތިމާސެއް ް
ލިޔުނީ:މޫސަ


އޮގަސްޓް 18 ވަނަ ދުވަހު މުޅިރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމު ކަޑައެޅުމުގެ ވޯޓުގައި، ވޯޓުލުމުގެ ޝަރުތު ހަމަވާ ރައްޔިތުން ވޯޓުލުމަށް ފުރައްސާރަ ކުރާ ޤަވާއިދެއް އޮތްތޯ ބަލައި، އެއެއް މުރާޖަޢާ ކުރުމަށް، ޚާއްސަ މަޖިލީހުގެ 11 މެންބަރުންގެ (ވަލީ) ކޮމެޓީއަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މިހެން މިދެންނެވީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވެ އަދި މީހާގެ އައިޑެންޓިޓީ އޮވެ ވޯޓުލުމަށް ކުފޫ ހަމަވިޔަސް، ވޯޓުގައި ބައިވެރިނުވެވޭނެ ޤަވާއިދެއް އިލެކްޝަން ކޮމިޝަނަރުގެ އޮފީހުން ގެންގުޅޭތީއެވެ. އެގޮތުން އެމީހަކު ނިސްބަތްވާ ދާއިރާ ނޫން ސަރަހަދެއްގައި ހުރިނަމަ ވޯޓުލެވެން އަންނަނީ ވޯޓުލާ ދުވަހަކު އެމީހަކު ހުންނާނެ ރަށެއް ކޮމިޝަނަރ އޮފް އިލެކްޝަންއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެފަރާތަށް އެންގުމުންނެވެ. އެމުއްދަތުގައި ނާންގައިފިނަމަ އެމީހަކު ނިސްބަތްވާ ދާއިރާ ނޫން ދާއިރާއެއްގައި ވޯޓުލެވޭކަށް ނޯވެއެވެ. މިވެސް ދެން ޤަވާއިދެކޯ. ނަމަވެސް ދިވެހި ޒުވާނުންނާ ޖެހުމުން މިއީ ދެން ހަޖަމް ކުރެވޭނެ އުސޫލެއް ނޫނެވެ.

އެމީހަކު ނިސްބަތްވާ ދާއިރާ ނޫނަސް، ރާއްޖޭގައި ވޯޓް ފޮއްޓެއް ހުރި ފަސްގަނޑެއްގައި ހުރި ވޯޓުލުމުގެ ޝަރުތު ހަމަވާ ހަމަ ކޮންމެ ރައްޔިތަކަށް ކުރިއަށް މިއޮތް ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ރެފެރަންޑަމްގައި ވޯޓުލެވެން ޖެހޭނެއެވެ. މިކަމަށްޓަކައި ކޮންމެ ރަށެއްގައި ކޮންމެ ދާއިރާއަކަށް ޚާއްސަ ވޯޓު ފޮއްޓެއް ބަހައްޓާކަށް ނުޖެހޭނެއެވެ. އެއާ ޚިލާފަށް ކޮންމެ ވޯޓު ފޮއްޓަކަށް ކޮންމެ ދާއިރާއެއްގެ ރައްޔިތަކަށްވެސް ވޯޓު ލެވުނީމަ އެކަން އެ ހަމަޖެހުނީއެވެ. މީގެން އުސޫލީ މައްސަލައެއް ނުނިކުންނާނެއެވެ. ވެރިކަމުގެ ނިޒާމުގައި ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ދެކޭގޮތުގެ ސައްތައިން ސައްތަ ނަތީޖާއެއް އެގޭކަށް ނުޖެހެއެވެ.

ޖުމްލަ ގޮތެއްގައި އެދާއިރާއެއްގެ ފޮއްޓަށް ވޯޓުލާނީ އެ ދާއިރާއެއްގެ ރައްޔިތުންނެވެ. ނަމަވެސް ރަށްފުށުގައި ތިމާ ނިސްބަތްވާ ދާއިރާ ނޫން ދާއިރާތަކުގައި ދިރިއުޅޭ، އަދި ކަންދިމަކުރާގޮތުން އޮގަސްޓް 18 ވަނަ ދުވަހު އެހެން ދާއިރާއެއްގައި ތިބެންޖެހިދާނެ، ރައްޔިތުންނަށްވެސް ޤަވާއިދަކާ ހުރެ މިވޯޓުގައި ބައިވެރި ނުވެވުމަކީ ޤަބޫލްކުރެވޭނެ ކަމެއްނޫނެވެ.

މިސާލަކަށް އޮގަސްޓް 18 ވަނަ ދުވަހު އައްޑޫގައި ތިބި ހއ އަތޮޅުގެ ފަންސާހަކަށް މީހުންނަށް އައްޑޫގައި ހުރި ވޯޓު ފޮށިތަކަށް ވޯޓުލެވުމަކީ ބަޔަކު ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެވެސް ހަމަ ދިވެހި ރައްޔިތުންނެވެ. ކޮންމެ ދާއިރާއަކަށް ވަކި މެންބަރަކު ހޮވަން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކާ ޚިލާފަށް މި ވެރިކަމުގެ ނިޒާމެއް ކަނޑައެޅުން މިއީ ޤައުމީ ކަމެކެވެ. އަދި ރައްޔިތުން މިފަހަރު ވެރިކަމުގެ ނިޒާމެއް މިކަޑައަޅަނީ ވަކިމުއްދަތަކަށް ނޫނެވެ. ވެރިކަމުގެ ނިޒާމެއް ކަޑަމިއަޅަނީ އެކްސްޕަޔަރީ ޑޭޓެއް ނެތިއެވެ. މިނިންމުން ދިގު ޒަމާންތަކަކަށް ދެމިއޮންނާނެއެވެ. އޮންނަންޖެހޭނެއެވެ. ވުމާއެކު ޚާއްސަ މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު މިހާހިސާބުން އިލްތިމާސް ކުރާނީވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުންކަމަށް ޤާނޫނުއަސާސީގައިވެސް ކަޑައެޅިގެން ސާފުކޮށް ލިޔުއްވާށެވެ.

މި މުހިއްމު ޤައުމީ ވޯޓުގައި ޝަރުތުހަމާވާ ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވެ، ވޯޓުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ވަރަށް މުހިއްމުކަމެކެވެ.

ރާއްޖޭގައި ބޭއްވުނު ޤައުމީ ފެންވަރުގެ ފުރަތަމަ މިނިވަން އިންސާފުވެރި، ނަމޫނާ ޑިމޮކްރަޓިކް، އިންތިޚާބު ގޮތުގައި ތާރީޚުގައި ލިޔެވިގެން ދިޔަ، 2 ޖޫން 2007 ގައި އޮތް އެމްޑީޕީގެ ރައީސް ހޮވުމުގެ އިންތިޚާބުން ދަސްކޮށްދިން ފަދައިން ވޯޓުލާ ކޮންމެ ރަށެއްގައި ވޯޓު ގުނައި ނަތީޖާ ޢިއުލާންކުރަންވާނީ ޚާއްސަ މަޖިލީހުން ފާސްކޮށްފައެވެ. ހަމައެހެންމެ އެމްޑީޕީގެ އެތާރީޚީ އިންތިޚާބުން ދަސްކުރަންވީ އަނެއް ކަމަކީ ވޯޓުލުމުގެ ޝަރުތު ހަމަވާ އެންމެނަށް ވޯޓުލުމުގެ ފުރުސަތު ދިނުމެވެ. އަތޮޅުތަކާއި ރިސޯޓުތަކުގެ އިތުރުން މާލޭގައި ހުރި ވޯޓުފޮށިތަކަށްވެސް، ވޯޓުލުމުގެ ޝަރުތު ހަމަވާ ހަމަ ކޮންމެ މެންބަރަކަށްވެސް ދާއިރާއަކަށް ނުބަލައި ވޯޓުލުމުގެ ފުރުސަތު ދެވުނެވެ. މާލޭ މީހުން ވޯޓުލާ ފޮއްޓަށް އައްޑޫމީހުންވެސް ވޯޓުލަމުން ދިޔައެވެ. އައްޑޫއެއް ތަކަންދޫއެއް މާރަންދޫއެއް ނުބަލައެވެ.

ކުރިއަށް މިއޮތް ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ޤައުމީ ވޯޓުގައިވެސް، ވޯޓުލުމުގެ ޝަރުތު ހަމަވާ ކޮންމެ މީހަކަށްވެސް، ކޮންމެ ދާއިރައެއްގައި ހުއްޓަސް ބޭނުން ފޮއްޓަކަށް ވޯޓުލުމުގެ ފުރުސަތު ދީފިނަމަ، ވޯޓުގައި ބައިވެރިވާމީހުންގެ އަދަދު އުފުލިގެންދާނެއެވެ. މިކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެން ދާނެއެވެ. ޚާއްސަކޮށް މާލެއަށް ވަކިން ބަލާލިނަމަވެސް، ކޮންމެ ދާއިރާއަކަށް ވަކި ސަރަހައްދެއްގައި ވަކި ފޮއްޓެއް ބެހެއްޓުމަށްވުރެ، ކުރިން ދެންނެވި ފަދައިން ކޮންމެ ފޮއްޓަކަށްވެސް ހުރިހާ ދާއިރާއެއްގެ ރައްޔިތުންނަށް ވޯޓުލެވޭނަމަ ވޯޓުގައި ބައިވެރިވާނެ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ގަނޑުގަނޑަށް ވޯޓުލާން ދާން ބޭނުންވާމީހުން މަދެއްނޫނެވެ.

މިހާރު މިވާން އުޅޭ ގޮތަކީ ނުވަތަ ވާގޮތަކީ 18 އަހަރުންމަތީގެ (އެކިދާއިރާތަކުގެ) މަސްހުނި ޒުވާން ގްރޫޕްތައް، ތާއަބަދު އެކުވެ އުޅޭ ޒުވާނުން، ވޯޓުލާދުވަހު އެންމެން އެއްކޮށް ވޯޓުލާން ދިއުމުގެ ރޫޙެއް އެބަފެނެއެވެ. މިކުދިން އެކި ސަރަހައްދުތަކަށް ވަކިވަކިން ގޮސް ވޯޓުލާން ޖެހުމަށްވުރެ، އެންމެނަށް އެއްފޮއްޓަކަށް ނުވަތަ އެއްފުރާޅެއްގެ ދަށުގައި ވޯޓުލެވޭނަމަ، ގަނޑުކޮށް ވޯޓުލާންދާނެ ޒުވާން ގްރޫޕުތައް މަދެއްނޫނެވެ. ހަމައެހެންމެ މި މާލޭގެ ރެފިއުޖީ ކޭމްޕްތަކުގައި ވަޒަންވެރިވެފައިވާ ރަށްފުށުގެ ބޮޑެތި އާއިލާތަކުގައިވެސް، އެއްޢާއިލާއެއްގައި ތަފާތު އަތޮޅުތަކުގެ މެންބަރުން އެކުލެވިގެންވާއިރު، މިއެންމެން އެކުގައި ޢާއިލީކަމެއްގެ ގޮތުގައިގޮސް ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު އޮތުމަކީ، ހަމަގައިމުގެސް މިކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެން ދާނެ ކަމެކެވެ.

އެހެންނަމަވެސް ޑިކްޓޭޓަރުގެ ސިޔާސަތަކީ އަބަދުވެސް ވޯޓުލާން ނިކުންނަ އާބާދީ މަދުކުރުމެވެ. ތިމާމީހާ ހޮވެން މިއަންނަނީ ވޯޓުގައި ބައިވެރިވާ މީހުންގެ އަޣުލަބިއްޔަތުން ވިއްޔާއެވެ. މިހާރު ސިޔާސީޕާޓީތަކުގެ މެންބަރުން، ވޭތުވެދިޔަ ރިޔާސީ(ގޮޅާސީ) އިންތިޚާބުތަކުގައި ވޯޓުގައި ބައިވެރިވެ، ޑިކްޓޭޓަރަށް ތާއީދު ނުކުރާ އެންމެން ވޯޓުގައި ބައިވެރިވެ ނުބައި ފާހަގަ ޖެހިނަމަ، ވޯޓުގެ އަޣުލަބިއްޔަތުން މައުމޫނު ފޭލްވެ، މިއަނިޔާވެރި ހަތްތަރި ަލާވެރިކަމުން ސަލާމަތްވާނެހާ ގިނަ އަދަދަކަށް، މިރާއްޖޭގެ އިދިކޮޅުޕާޓީތަކުގައި މެންބަރުން އެބަތިއްބެވެ. ނަމަވެސް އަބަދުވެސް ވޯޓުލުމުގައި ބައިވެރިވާ މިންވަރު، ޚާއްސަކޮށް އިދިކޮޅު މީހުންގެ ތެރެއިން ވޯޓުލުމުގައި ބައިވެރިވާމީހުންގެ މިންވަރު އުޅެނީ ވަރަށް ކަމީނާ ކޮށެވެ. އެދެން ހަމަ އެކަން ރޭވިފައިވާގޮތެވެ. ޑިކްޓޭޓަރުވެސް އޭނާގެ މުޝީރުންވެސް، ކޮމިޝަނަރުންވެސް ބޭނުންވަނީ ވޯޓުގައު ބައިވެރިވާ މީހުންގެ އަދަދު މަދުވުމެވެ. މަދުކުރުމެވެ. މަދުކުރުވުމެވެ.

ވުމާއެކު ޚާއްސަ މަޖިލީހުގެ 11 މެންބަރުންގެ (ވަލީ) ކޮމެޓީއަށް އަޅުގަނޑު އިލްތިމާސް ކުރަނީ މި ޑިކްޓޭޓަރާއި އޭނާގެ ކާފުދާލު ގެންގުޅޭ ހަރުކަށި ނުރައްކާތެރި ޤަވާއިދުތައް އަތުލައި މުރާޖަޢާކޮށް، މަތީގައި ދަންނަވާލެވުނު ފަދައިން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށްވެސް ބޭނުން ކޮންމެ ފޮއްޓަކަށް ވޯޓުލެވޭނެ ނިޒާމެއް ކަނޑައަޅައި ދެއްވުމެވެ. ރައްޔިތުންނަށް ވެރިކަމުގެ ނިޒާމެއް ކަޑައެޅޭނީ ފުރަތަމައިނުން ވޯޓުގައި ބައިވެރިވެވޭނެ ނިޒާމެއް ކަނޑައެޅިގެންނެވެ

Share/Save/Bookmark