Saturday, July 28, 2007

ރިޔާސީ ނިޒާމު-ރައްޔިތުން ޤަބޫލްނުކުރާ މީހުން ހޯމް މިނިސްޓަރުކަން ކުރާ ނިޒާމް

ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންގެ ތާއީދު ގެއްލި މަޖިލިސް ގޮނޑިއަށް ނުހޮވައި ފޭލިކޮއްލީމަ، އަބްދުﷲ ކަމާލުއްދީނަކަށް މިނިސްޓަރުކަމެއް ނުލިބޭނެ...

ލިޔުނީ:މޫސަ

މާލެތެރެ ބަރުލަމާނީ ބެނާތަކާއި ރީނދޫކުލައިގެ އެމްޑީޕީ ދިދަތަކުން ޒީނަތްތެރިވެފައިވާއިރު، ސަރުކާރުގެ ބޮޑުންގެ ގޭގޭގައި ދޮޅަހަކަށް ރިޔާސީ ބެނާ ދަމާފައި ވާތަން އެބަފެނެއެވެ. ޑިކްޓޭޓަރުގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީންގެ ގޭގައި ރިޔާސީ ބެނާއެއް ދަމާފައި އެބަހުއްޓެވެ. އަޅުގަނޑަށް މިމަންޒަރު ފެނިފައިވީ ވަރަށް ބޮޑު ޖޯކަކަށެވެ.

އަބްދުﷲ ކަމާލުއްދީނަކީ މާލޭ ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައިވާ މީހެކެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިލެކްޝަންގެ ނަތީޖާއިން ވަރަށް ސާފުކޮށް މިކަން އެގެން އެއޮތީއެވެ. އެމްޑީޕީއިން އެންޑޯސް ކުރި ދެކެނޑިޑޭޓުން ކަމަށްވާ އިބްރާހިމް ޢިސްމާއިލް އަދި މުޙައްމަދު ޝިހާބު ބޮޑު ތަފާތަކުން އިންތިޚާބް ވެވަޑައިގަތީއެވެ. ބޮޑު ތަފާތަކުން ކަލާމުއްދީނަށް ޖެހުނީ ގޮނޑުހޮވަންދާށެވެ. 3000 ވޯޓުވެސް ނުލިބުނެވެ.

ނަމަވެސް މިއަދު ކަލާމުއްދީން މިފެންނަނީ ޑިކްޓޭޓަރުގެ ކެބިނެޓްގައި ހެވިދިލިފައި އިންތަނެވެ. ދާދި ފަހަކާ ޖެހެންދެން ފިޝަރީޒް މިނިސްޓަރެވެ. މިހާރު ހޯމް މިނިސްޓަރެވެ. މިއީ ރިޔާސީ ނިޒާމެއްގައި ކަންވާނެގޮތެވެ. ރައްޔިތުން ބަލައިނުގަންނަ މީހުންވެސް ކެބިނެޓަށް ގެންނަނީއެވެ. ބަރުލަމާނީ ނިޒާމެއްގައި ނަމަ މިއަދު އަބްދުﷲ ކަމާލުއްދީނަކަށް ވަޒީރުކަމުގައި ނުހުރެވޭނެއެވެ. ހަމައެހެންމެ ލ.އަތޮޅު ރައްޔިތުން ނަގާއެއްލާލި އަބްދުއްރަޝީދު ހުސައިނަކަށްވެސް ވަޒީރުކަމުގައި ނުހުރެވޭނެއެވެ.

ރިޔާސީ ނިޒާމުގެ އެންމެ ބޮޑު ދޯހަޅި ކަމަކީ މިއީއެވެ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މާލޭ ގޮނޑިއަށް ކުރިމަތިލުމުން ރައްޔިތުން ޤަބޫލުނުކޮށް ފޭލްކޮށްލީމަ މިއަދު ކަމާލުއްދީން އެހެރީ ދިވެހިރާއްޖޭގެ ހޯމް މިނިސްޓަރު ކަމުގައެވެ. މީތި ދެން ދެކޮޅު ޖެހޭނީ ކިހިނެއްހެއްޔެވެ!

ރިޔާސީ ނިޒާމުގައި ވަޒީރުން އައްޔަން ކުރަނީ ރައީސުލްޖުމްހޫރިއްޔާއެވެ. ރައްޔިތުން ރުހުނަސް ނުރުހުނަސް ބޭނުން މީހަކަށް ވަޒީރުކަން ދެވޭނެއެވެ. ރިޔާސީ ނިޒާމުގައި ގާތްތިމާގެ މީހުންނާއި އެކުވެރި ރަހުމަތްތެރިންނާއި ކްލާސްމޭޓުންނަށް ވަޒީރުކަންދެނީއެވެ. ރައްޔިތުން ކިތަންމެ ނުރުހުނަސް، ކިތަންމެ ބޮޑު ވަގަކަށް ވިޔަސް ރިޔާސީ ނިޒާމުގައި ވަޒީރުކަން ދެނީއެވެ. މިކަން އަޅުގަނޑުމެން ދިވެހިން ވޭތުވެދިޔަ 29 އަހަރު މިދަނީ ތަޖުރިބާ ކުރަމުންނެވެ. ރައްޔިތުންނާއި ސަރުކާރަށް ޚިޔާނާތްތެރިވީކަމަށް ބުނުމަށްފަހު ޅިޔަނު އިލްޔާސް އިބްރާހީމަށްވެސް އެހެރީ އަނެއްކާ ވަޒީރުކަން ދީފައެވެ. ކޮއްކޮ އަބްދުﷲ ހަމީދު، ޅިޔަނު އައްބާސް އިބްރާހިމް، ފަތުހﷲ ޖަމީލު، މުހައްމަދު ޒާހިރު ހުސައިން ފަދަ ކިލާސް މޭޓުންނެވެ. ރިޔާސީ ނިޒާމުގައި ޑިކްޓޭޓަރުގެ ވެރިކަމުގައި ހިތްދަތި 29 އަހަރު ފާއިތުވީއިރުވެސް އަދިވެސް ރަށްފުށުގައި ބަނދަރު ނުހެދިގެން، ކަރަންޓްނެތިގެން، ނަރުދަމާގެ ނިޒާމުނެތިގެން ޝަކުވާތައް ފުނިޖެހިފައިމިވަނީ ކީއްވެތޯއެވެ؟ ރައްޔިތުންގެ ކުރިމަތީގައި އަބުރުގެއްލި އަގުވެއްޓި ތާއީދެއްނެތް މީހުން ސަރުކާރުގެ ކެބިނެޓްގައި ތިބެގެން ދެން ކޮއްދެވޭނީ ކޮން ޚިދުމަތެއްތޯއެވެ؟

ބަރުލަމާނީ ނިޒާމެއްގައި ވަޒީރުކަން ލިބޭނީ ރައްޔިތުންގެ މެދުގައި މަޤްބޫލު ރައްޔިތުން ބަލައިގަންނަ މީހުންނަށެވެ. ރާއްޖޭގެ ރައްޔިތުން އިންތިޚާބުކުރާ މެންބަރުންނަށެވެ. ނަތީޖާއަކަށް ވާނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް މެންބަރުން މަސައްކަތް ކުރަން މަޖުބޫރުވުމެވެ. ރައްޔިތުންނަށް މިކަން މިހާރުވެސް ތަޖުރިބާ ކުރެވޭނެއެވެ. ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ވަޒީރުންނާއި އެޕޮއިންޓްމަންޓަކަށް އެދުމުން އެދާއިރާއެއްގެ މީހުންނަށް ފަސޭހައިން އެކަން ހަމަޖެހިގެން ދާނެއެވެ. އެކަމަކު މަޖިލީހުގައި ނުހިމެނޭ ވަޒީރަކާއި ބައްދަލުކުރުންވާނީ ވަކަރެއް ފެޅުން ކަހަލަ ކަމަކަށެވެ.

އެހެންވީމަ އަބްދުﷲ ކަމާލުއްދީންމެން، ގޮތެއްފޮތެއްނެތް ރިޔާސީ ނިޒާމު ދަމަހައްޓަން ނުޖެހޭ ސަބަބެއް ނެތެއްނޫން ހެއްޔެވެ! ބަރުލަމާނީ ނިޒާމެއް ފާސްވެއްޖެނަމަ އަބްދުﷲ ކަމާލުއްދީންމެންގެ ސިޔާސީ ކެރިއަރ އެދެން ޚަތިމްވީއެވެ. ރައްޔިތުން ތިމާމެން ނުހޮވާނެކަން ޑިކްޓޭޓަރުގެ ވަޒީރުންވެސް ޤަބޫލްކުރެއެވެ. މިހާވަރަކުން ބަރުލަމާނީ ނިޒާމާ ދެކޮޅަށް މަސައްކަތް މިކުރަނީ މިހެންވެގެންނެވެ.

އެންމެ ފަހުން ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކެމްޕޭން ތެރޭގައިވެސް މާލޭގެ ހުރިހާ ކްލަބް ޖަމިއްޔާއެއްގެ ދިދަތައް އަބްދުﷲ ކަމާލުއްދީންމެންގޭފާރުގައި ފެވިފައި ހުއްޓެވެ. ބައެއްމީހުން ބުނަމުން ދިޔައީ މިހުރިހާ ކްލްބަތަކެއްގެ ސަޕޯޓަރުންނާއި ކުޅުންތެރިން ނިކުމެ ބޮޑު ތަފާތަކުން ކަމާލުއްދީން އިންތިޚާބު ކުރާނެކަމަށެވެ. އެކަމަކު އިންތިޚާބުގެ ނަތީޖާ ނިކުތްއިރު.......... ވުމާއެކު ހަމަދެން އަބްދުﷲ ކަމާލުއްދީން މެންގޭގައި ދަމާލާ ފޮތިގަނޑަކުން، ތަތްކޮށްލާ ޕޯސްޓަރަކުން ނިކުންނާނެ މާއެދެވޭ ނަތީޖާއެއް އޮތްކަމަކަށް ނުފެނެއެވެ. އެހެންނަމަވެސް ރައްޔިތުން ޤަބޫލުނުކުރާ މީހުން ހޯމްމިނިސްޓަރުކަން ކުރާ ނިޒާމް ދަމަހައްޓަން އެފަދަ މީހުން މިއުޅޭ އުޅުމަކީ ރައްޔިތުންނަށް ފައިދާ ހުރި ނިޒާމެއް ނޫންކަން ފާހަގަކޮއްލީއެވެ.

ވުމާއެކު، އޮގަސްޓް 18 ވަނަ ދުވަހު ރައްޔިތުން ވޯޓު ފޮށިތަކާ ހަމައަށް ދާއިރު ވިސްނަންވީ ކަމަކީ، ރައްޔިތުން ޤަބޫލުނުކުރާ މީހުންނަށް ވަޒީރުކަން ލިބިދޭ ރިޔާސީ ނިޒާމަށް ވޯޓު ނާޅާށެވެ. ބަރުލަމާނީ ނިޒާމް ފާސްވެއްޖެނަމަ ރައްޔިތުން ޤަބޫލުނުކުރާ މީހަކަށް ވަޒީރުކަމަކަށް ނާދެވޭނެއެވެ. އެއީ ކަމާލުއްދީނަކަސް، އަބދުއްރޝީދު ހުސައިނަކަސް، ވަހީދުއްދީނަކަސް، ބުރުމާއަކަސް، ބޮނޑިބަތް ޖަމީލަކަސް، ކުއްޓި ނަޝީދަކަސް، އަދި ޙުދު ކިނބިގަސްދޮށުގޭ ޑިކްޓޭޓަރަކަސް ވަރިހަމައެވެ. ބަރުލަމާނީ ނިޒާމެއްގައި ދުވަހަކުވެސް، ރައްޔިތުން ނުރުހޭ މީހަކަށް ވަޒީރުކަމެއް ނުލިބޭނެއެވެ. ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ހިންގާނީ މުޅި ރާއްޖޭގެ ރައްޔިތުންގެ ތާޢީދާއި މަޤްބޫލުކަން އޮތް ސަރުކާރަކުންނެވެ. ރައްޔިތުންގެ ވިންދާ އެއްގޮތަށެވެ.


Share/Save/Bookmark

3 comments:

manippulhu said...

Khiyaalu varah furi hama.. rayyithunge thaaeedhu nethas veringe thaaeedhu dho riyaaseega beynun vaneeeee

Frozen Solid said...

Very well put. Moossa keep goin with your blog.

Anonymous said...

Hmm.. u have good points...