Wednesday, July 25, 2007

ޒުވާނުންގެ ނިޒާމް - ބަރުލަމާނީ ނިޒާމް؛ ވިހިތިރީސް އަހަރުގެ ޒުވާނުން މިފަހަރު ޑިކްޓޭޓަރު ސައިޒަށް ކަނޑާލާނެ!!
ލިޔުނީ:މޫސަ


ވިހި ތިރީސް އަހަރުގެ ޒުވާނުންނަކަށް މިޤައުމުގެ މާޒީ ނޭގޭނެކަމަށް ބުނެ ޑިކްޓޭޓަރުގެ ޕްރޮޕެގެންޑާ ޗެނަލް، ޓެލެވިޜަން މައުމޫނު (ޓީވީއެމް)އިން ޅެން ކިޔާތާ އަހަރެއްވެއްޖެއެވެ. ތާއަބަދަށް ޒުވާނުން ސިޔާސީ ކަންކަމުން ދުރުކޮށް މަސްތީވަބާގައި ޖައްސާ ބޭކާރުބައެއްގެ ގޮތުގައި ތިބުން އެއީ ދެންމާޒީ އެވެ. ޚުދުމުހުތާރު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގޮތްޕެއްފަދަ ޑިކްޓޭޓަރުގެ ބައިގަނޑު ޑީއާރުޕީއާއި ޑިކްޓޭޓަރު، ޤައުމީ ކަންކަމުން ޒުވާނުން ބާކީކޮށް، ފަތާއި ހަކުރާއި ކަނޑިއާއި ލަޓިބުރިތަކުގެ އަހުލުވެރިންގެ ގޮތުގައި ގިނަ ޒުވާނުންތަކެއް އޮއިސެއްލި ވައިސެއްލިއަށް ލާހޫރެމުން ދާ އިރު ވެރިކަމުގެ ފަރާތުން އެމީހުންނާ އަޅާނުލައި، ދިވެހި ޒުވާނުން ސިޔާސީ ކަންކަމާ ނުބައްސައި ދިވެހި ޒުވާނުން ބާކީ ކުރަމުން އައި އައުން، އެމްޑީޕީގެ ހިތްވަރުން ހުއްޓުވައިފިއެވެ.

ދިވެހިރާއްޖޭގައި އޮންނާނެ ވެރިކަމުގެ ޒިނާމެއް ކަނޑައެޅުމުގައި 18 އަހަރުފުރިފައިވާ ދިވެހި ޒުވާނުންނަށް އެފުރުސަތު ދިނުމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ބުނެ، ޚާއްސަ މަޖިލީހުގެ ރިޔާސަތުގައި އަގުވެއްޓި އިތުބާރުގެއްލިފައިވި ޚުދުމުހުތާރު އައްބާސް އިބްރާހިމާއި ޝާހީން ހަމީދާއި ބައިވެރިވެ، ވޯޓު ލުމުގެ ހައްޤު ޒުވާނުންގެ ކިބައިން ނިގުޅައިގަންނަން ޑީއާރުޕީން އައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެމްޑީޕީ ހިތްވަރުގަދަ ޕާލަމަންޓަރީ ގްރޫޕާއި އެމްޑީޕީގެ ކެރޭ ހީވާގި އެކްޓިވިސްޓުންގެ ޖިހާދުން ދިވެހި ޒުވާނުންނަށް ވޯޓުލުމުގެ ފުރުސަތު ތަނަވަސް ކޮށްދީފިއެވެ. 18 އަހަރުވެފައިވާ ޒުވާނުންނަށް ކުރިއަށް އޮތް ވެރިކަމުގެ ނިޒާމުގައި ވޯޓްލެވޭނެ ކަމަށް ޚާއްސަ މަޖިލީހުން ފާސްވީ ޕީއޭގެ ތާއީދާއެކު، އެމްޑީޕީއިން މެދުނުކެނޑި ގޮތްދޫނުކޮށް ޑީއާރުޕީއާ ޖަދަލުކޮށް، ޒުވާނުންގެ ހައްޤުގައި ވީ ޤުރުބަނީގެ ނަތީޖާއެވެ. ދިވެހި ޒުވާނުން މިކަން ވަރަށް ފުރިހަމައަށް ބަލައިގެންފައިވާކަން މިހާރުކުރިއަށް މިދާ ވެރިކަމުގެ ނިޒާމުގެ ކެމްޕޭނުން ވަރަށް ހާމަކަން ބޮޑުގޮތެއްގައި އެބަފެނެއެވެ. ފެންނަމުންމިދަނީ ދިވެހި ޒުވާނުން ބަރުލަމާނީ ވެފައި ތިބިތަނެވެ.

މުޅިރާއްޖޭގައި ޤައުމީ ފެންވަރުގައި ކުރިއަށް މިދާ ބަރުލަމާނީ ކެމްޕޭނުގައި ގިނަ އަދަދެއްގެ ޒުވާނުން އަމަލީ ގޮތުން ބައިވެރިވަމުން ދާއިރު، ގިނަ އަދަދެއްގެ ޒުވާނުން ބަރުލަމާނީ ނިޒާމަށް ތާއީދުކުރަމުން ދާކަމީ، ޑިކްޓޭޓަރަށާއި ޑިކްޓޭޓަރަށް ޒުވާނުންގެ ތާއީދެއް ނެތްކަމުގެ ހެއްކެކެވެ. ޒުވާނުން ޑިކްޓޭޓަރާއި ދެކޮޅުވެ އެމްޑީޕީކޮޅަށް ދީލާލަނީ ސަބަބުތަކެއް ނެތިގެނެއްނޫނެވެ. ޑިކްޓޭޓަރުގެ ޒަމާންވީ އޮބިއެޅުވުންތަކާއި ހިފެހެއްޓުންތަކުން ސަލާމަތްކޮށް ސިޔާސީ ގޮތުން ހަމަޖެހުމުގެ ނޭވާއެއްލުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ހޯދައިދިނީ އެމްޑީޕީން ކަމަށް ވާތީއެވެ. ޑިކްޓޭޓަރުގެ މިހަތްތަރު ބަލާވެރިކަމުން ދިވެހި ރައްޔިތުން ސަލާމަތްކުރަން އެމްޑީޕީން ކުރަމުން ދާ ހައްޤު ޖިހާދުގައި މިއަދު ދިވެހި ޒުވާނުން ސާބިތުވެއްޖެއެވެ.

ޚާއްސަކޮށް 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ޑިކްޓޭޓަރު ޢިއުލާނު ކުރުމާގުޅިގެން ދިވެހި ޒުވާނުންގެ ލޭ ވަނީ ހޫނުވެފައެވެ. މިޤައުމުގައި ދެން އިތުރަށް ޑިކްޓޭޓަރު ބޭނުންހާ ގޮތަކަށް ކަންކަން ކުރެވުނުދުވަސް މާޒީވެ، އެފަދަ މާހައުލެއް މިހާރު ޑިކްޓޭޓަރަށް ނެތްކަން ކުރިއަށް މިއޮތް ވެރިކަމުގެ ނިޒާމުގެ ވޯޓްގެ ނަތީޖާއާއެކު ކަނޑައެޅިގެން ދާނެއެވެ. 29 އަހަރުވެފައިވާ އޭޝިޔާގެ އެންމެ ގިނަދުވަސްވީ ދަގަނޑު ގޮށްމުށުގެ ޚުދުމުހުތާރު ވެރިކަމުން މިންޖުވުމަށްޓަކައި، ކުރިއަށް މިއޮތް އާންމު ވޯޓުގެ އިންތިޚާބުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ ހަމައެކަނި އެމްޑީޕީ މެންބަރުން ނެއްނޫނެވެ. ޤާނޫނީ ގޮތުން ޕާޓީތަކަށް ސޮއި ކުރުމުގެ ފުރުސަތު ލިބިފައި ނުވާ 18 އަހަރާއި 21 އަހަރާ ދެމެދުގެ ގިނަ އަދަދެއްގެ ޒުވާނުންވެސް ދަނީ ބަރުލަމާނީ ނިޒާމަށް ކެމްޕޭން ކުރަމުންނެވެ. ހަމައެހެންމެ ޢަދާލަތުޕާޓީއާއި އައިޑީޕީގެ ޒުވާނުން ވެސް ބަރުލަމާނީ ނިޒާމަށް ކެމްޕޭން ކުރަމުންދާކަމީ މިކަމަށް ލިބޭ އިތުރު ބާރެކެވެ.

ޑިކްޓޭޓަރު ކިތަންމެ ވަރަކަށް 2008 ގައި އޮންނަ ރިޔާސީ އިންތިޚާބޭ ކިޔަސް، ރިޔާސީ ނިޒާމުގައި ޑިކްޓޭޓަރު ރައްޔިތުން ގިއްގަޅުވަފައިވާ މާޒީ ޒުވާނުންނަށް އޮޅިފައެއްނެތެވެ. ވިހިތިރީސް އަހަރުގެ ޒުވާނުންނަށް ވަރަށް ރަގަޅަށް މާޒީގައި ޑިކްޓޭޓަރު ޚުދުމުހުތާރު ވެރިކަން ކޮށްފައިވާ ގޮތް އެގެއެވެ. އެންމެފަހުން ރިޔާސީ ނިޒާމުގައި ވެރިކަމުގެ ހުވާކުރިއިރު ބަޑިގެންގުޅުނުކަން ނުވަތަ ނޫންކަން ނޭގުނެއްކަމަކު، މީގެ 29 އަހަރުކުރިން ޑިކްޓޭޓަރު ހުވާކުރިއިރު އަންބޮޑި ދަށުގައި ފިސްތޯލަ ހުރިކަން 18 އަހަރުގެ ޒުވާނުންނަށްވެސް ވަރަށް ސާފުކޮށް އެގެއެވެ. ރައްޔިތުންގެ ބާރު، ޒުވާނުންގެބާރު އޮންނަނީ ބަރުލަމާނީ ނިޒާމުގައިކަންވެސް ޒުވާނުންނަކަށް އޮޅިގެނެއް ނޫޅެއެވެ.

ވުމާއެކު ދިވެހި ޒުވާނުންނަކީ ފިސާރު ރަގަޅަށް ދެނެތިބި ބައެއްކަން ކުރިއަށް މިއޮތް ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ އާންމުވޯޓުގެ ނަތީޖާއިން ޑިކްޓޭޓަރަށް ދައްކުވައިދޭނެއެވެ. 90 އިންސައްތައިން މަތިހޯދުމުގެ ރިޔާސީ އިންތިޚާބުތަކަށް ދެން ޓާޓާ ކިޔާލާށެވެ. ދެން ލަލަލާ.. އެވެ. އެއީ މާޒީއެވެ. އާއެކެވެ، ދިވެހި ޒުވާނުން އެމާޒީ ތަކުރާރުކުރާކަށް ފުރުސަތެއް ނުދޭނެއެވެ. ކުރިއަށް އޮތް ވެރިކަމުގެ ވޯޓު ކާމިޔާބުކުރާނީ ދިވެހި ޒުވާނުންނެވެ. ވިހިތިރީސް އަހަރުގެ ޒުވާނުންނެވެ. ބަރުލަމަނީ ނިޒާމެވެ.

Share/Save/Bookmark

No comments: