Wednesday, July 25, 2007

ވެރިކަމުގެ ނިޒާމުގައި ވޯޓުދެއްވާނެ، އަދި ވޯޓުގައި ބައިވެރިނުވާން ވިސްނަވާ ރައްޔިތުންނަށް އިޚްލާސްތެރި އިލްތިމާސެއް
ލިޔުނީ:މޫސަ



ޚުދުމުހުތާރު ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގޮތްޕެއްފަދަ ޑިކްޓޭޓަރުންގެ ބައިގަނޑު ޑީއާރުޕީއިން، މުސްތަޤުބަލްގައި ދިވެހި ރާއްޖޭގައި އޮންނާނެ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމުގެ ވޯޓު ދިވެހި ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަން ކެނޑިނޭޅި މަސައްކަތް ކުރަމުން އައި ހިނދު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހިތްވަރުގަދަ އެކްޓިވިސްޓުންނާއި، އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕުގެ ޤުރުބާނުން، ދިވެހީންގެ މުސްތަޤުބަލް، ދިވެހިންގެ ވެރިކަން ކަނޑައެޅުން ދިވެހި ރައްޔިތުންނަށް ތަނަވަސްކޮށްދީފިއެވެ. ހަމައެހެންމެ ޢުމުރުން 18 އަހަރާއި 21 އަހަރާ ދެމެދުގެ ޒުވާނުންނަށް ވޯޓުލުމުގެ ޙައްޤު ދިނުމަކީ ޣައިރު ޤާނޫނީ ކަމެއްކަމަށް ޑީއާރުޕީއިން ކުރަމުން އައި ޣައިރު ޤާނޫނީ ދަޢުވާއަށް ސިޔާސީ ގޮތުންނާއި ޤާނޫނީގޮތުން ގޮންޖަހައި، ވަރުގަދަ ޖިހާދަކަށްފަހު، ލޭއޮހޮރުވުމަކާއި ނުލައި، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ފަރުދަކަށް، އޮގަސްޓް 18 ވަނަ ދުވަހު އޮންނަ ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ތާރީޚީ އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު އެމްޑީޕީއިން ހޯދައިދީފިއެވެ. ހަމައެހެންމެ އެމްޑީޕީގެ ތާރީޚީ ނަމޫނާ ޑިމޮކްރެޓިކް އިންތިޚާބަށް ފަހު އެމްޑީޕީގެ ރައީސް ޑރ މުޙައްމަދު މުނައްވަރު ވިދާޅުވެފައިވާ ގޮތަށް، މިފަހަރު ވޯޓުލެވޭ ކޮންމެ ރަށެއްގައި ވޯޓު ފޮށު ހުރި ސަރަހައްދެއްގައި ވޯޓު ގުނައި ވަގުތުން ނަތީޖާ ޢިއުލާން ކުރަންޖެހޭ ކަމަށްވެސް އެމްޑީޕީ ޕާލަމަންޓަރީ ގްރޫޕުގެ މަސައްކަތުން މަގުފަހިކޮށްދީފިއެވެ. އަދި ހުރިހާ ސިޔާސީޕާޓީތަކުގެ މަންދޫބުންނަށާއި ނޫސްވެރިންނަށް ވޯޓުލުން ކުރިއަށްދާގޮތް އޮބްޒާވް ފުރުސަތުވެސް ތަނަވަސްކޮށްދީފައި މިވަނީ އެމްޑީޕީ އަދި ޕީއޭ އަދި ވަކި ފަރާތަކަށް ނުޖެހޭ ކޯލިޝަންގެ ހިތްވަރުންނެވެ.

މިދައްކަނީކީ ތޯތޯވާހަކައެއްނޫނެވެ! ޚާއްސަ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ޔައުމިއްޔާތަކުން މިކަން އެއޮތީ އެއްވެސް ފޮރުވުމެއްނެތި ފެންނާށެވެ. އެމްޑީޕީއާއި ޑީއާރުޕީއާ ދެމެދު ދަރުބާރުގޭގައި މާޗްމަހުގެ ކުރީކޮޅު ބޭއްވި ސައްލާކުރުންތައް ހުއްޓާލަން ޖެހުނީ، ވެރިކަމުގެ ނިޒާމްގެ އާންމު ވޯޓު ކެންސަލްކުރަން އެއްބަސްވުމަށް ޑީއާރުޕީއިން ހުށަހެޅި ހުށަހެޅުމަށް އެމްޑީޕީއިން ތާއީދުނުކޮށް ރައްޔިތުންގެ މަސްލަހަތުކުރިއަށް ނެރުމުންނެވެ. އަދި ޑީއާރުޕީއިން ދޮން މީހުން ގެނެސްގެން އާންމު ވޯޓު ކެންސަލް ކުރަން އަބުއިގޮތަކަށް ލަފާވެސް ނެރުނުކަން ހަދާން ކުރަން އެބަޖެހެއެވެ. އަދި ޑީއާރުޕީގެ ކަމުވޮށިގެންވާކަމަށް ދަޢުވާކުރާ ކައުންސިލްގެ ލަފައެއް ނެތި، ޒަޢީމުގެ ޚުދުމުހުތާރު ނިންމުމަކަށްވީ ރިޔާސީ ނިޒާމު ޚިޔާރު ކުރުމެވެ. މިކަމުގެ ސަބަބުން އިސްލާހޭ، އެންމެ އިތުބާރުކުރެވޭ ހަރުދަނާ ޕަޓީއޭ، ޒުވާން ވަޒީރުންނޭ، ނިއުމޯލްޑިވްސްއޭ، ކަހެރުވަކޭ ކިޔަމުން އައި ޑީއާރުޕީ ރައްޔިތުންގެ ކުރިމަތީގައި ވަރަށް ހުތުރުގޮތަކަށް އޮރިޔާންވެ ބޮލާފޮށާއެޅިފައިވަނީ، އުފާކުރުން ޙައްޤު ދަރަޖަ އަކަށެވެ.

ޑީއާރުޕީގެ މިހީލަތްތެރި ޚިޔާނާތުގެ ނަތީޖާއަކަށްވެގެން ދިޔައީ، ރިޔާސީ ނިޒާމު ޕްރޮމޯޓްކޮށް ކެންވާސް ކުރަން ރަށްފުށުގެ ރަށްތަކަށް ދިޔުމުން، ވަކަރުގޭ ޝަރީފުމެން، ކޮންޑަލީޒާ ރައިސްމެންނަށް އޮއްގަލާއި ފައިވާނުން މަރުޚަބާ ކިޔައި، ވެހޭވާރޭތެރޭން ޑީއާރުޕީގެ ވީއައިޕީ ވަފުދުތަކަށް ވީހޭޓްޔޫއޭ ބުނެ ވަރަށް ނިކަމެތި ގޮތަކަށް ރަށްރަށުން ފައްސާލުމެވެ. ޑީއާރުޕީގެ ރިޔާސީ ކެމްޕޭންގެ ނާކާމިޔާބު ދަތުރުތަކަކީ، މިފަދަ ނިކަމެތި ސިލްސިލާ ނާކާމިޔާބީއެއް ސިޔާސީ ޕާޓީއަކަށް އަމާޒުވި ފުރަތަމަ ފަހަރެވެ. ޚާއްސަކޮށް ޑީއާރުޕީގެ އެންމެ މެންބަރުން ގިނަކަމަށް ދަޢުވާކުރަމުންދާ ރަށްރަށުން އެމީހުންނަށް ލިބުނު ނާކާމިޔާބީގެ ހަޤީޤަތަކީ އާންމު ވޯޓު ނެގިޔަ ނުދިނުމަށް އަދި 18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓުލުމުގެ ހައްޤުނުދޭން ޑީއާރުޕީން ކުރަމުންއައި ވިޔާނުދާ ލާއިންސާނީ އަނިޔާވެރިކަމުގެ ބަދަލެވެ.

ދިވެހި ރައްޔިތުންގެ ތެރެއިން ސިޔާސީ ކަންކަމާމެދު ވިސްނާ ގިނަބަޔަކު މިއަދު ބަރުލަމާނީ ނިޒާމަށް ތާއީދުކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބަރުލަމާނީ ނިޒާމާއި ޚިލާފަށް ރިޔާސީ ނިޒާމެއްގައި ވަޒީރުންނަކީ އެއްވެސް ބާރެއްނެތް، ރައްޔިތުންގެ މަޖިލީޖަށް ޖަވާބުދާރީ ވާންނުޖެހޭ، ވަކި މީހަކު ބުނާހާގޮތަކަށް ކަންކުރަން ޖެހޭ ރައްޔިތުންނަށްވުރެ ވެރިކަމުގެ މަސްލަހަތަށް ވަފާތެރިވާންޖެހޭ ވެރިމީހާގެ އަޅުން ކަމަށް ވުމެވެ. މިހާރު ޢާއްމުކޮށްގެން އުޅޭ ރިޔާސީ ނިޒާމުގެ މަޢުލޫމާތު ކަރުދާހުން މިކަން ސާފުކޮށް އެގޭނެއެވެ. ބަރުލަމާނީ ނިޒާމެއްގައި ކޮންމެ ދުވަހަކު ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވި ސުވާލުކުރެވޭއިރު، ރިޔާސީ ނިޒާމެއްގައި ވެރިޔަކަށް ހުންނަމީހާ ވެރިކަމުގައި ހުރިހާ ދުވަހަކު އޭނައާ ސުވާލުކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. ރިޔާސީ ނިޒާމެއްގައި މިރާއްޖެ މިއޮތް ހުރިހާ ދުވަހެއް ވީއިރު މިއީ މުއްސަދިން މުއްސަދިކޮށް ފަޤީރުން އިތުރަށް ފަޤީރުކުރުވަމުންދާ ނިޒާމެއްކަން ދިވެހިރައްޔިތުން މިއޮތީ ތަޖުރިބާކޮށްފައެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ނިކަމެތި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ރައްޔިތުންގެ ފައިސާއިން ހުޅުމާލެ ހިއްކާފައިވީ ނަމަވެސް އެބިން އެއޮއްގެން ބޭނުން ކުރެވެނީ މުއްސަދިންގެ ތަނެއްގެ ގޮތުގައެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ނިކަމެތި ރައްޔިތުންގެ ތެރެއިން ހުޅުމާލެއިން ޖާގަ ލިބުނު މަދު މީސްކޮޅަށްވެސް ވެރިކަމުގެ ބާރުގެ ދަށުގައިވާ ކޯޓުތަކުން ހުކުމްކޮށް މަގުމަތިކުރަމުންދަނީ އެވެ.

އެކަކު ގިނަ ދުވަހު ވެރިކަމުގައި ހުރުމަކީ ރަގަޅުގޮތެއްނޫން ކަމަށާއި އެއީ މީހުން ފޫހިވެސްވާނެ ކަމެއްކަމަށް ބުނުމަށްފަހުވެސް ރިޔާސީ ނިޒާމެއްގައި ހަމަ ތިރީސްއަހަރު ވެރިކަން ކުރުމަށްފަހު އަނެއްކާވެސް އަނެއް ފަސްއަހަރު ވެރިކަން ކުރަން ކުރިމަތިލާނެ ކަމަށް އެއް އަގައަކުން ރިޔާސީ ނިޒާމުގެ ރައީސް އިޢުލާނު ކުރިއިރުވެސް އޭނާއާ ދޭތެރޭ ފިޔަވަޅެއް އެޅޭނެ ގޮތެއް ނެތެވެ. ރިޔާސީ ނިޒާމެއްގެ ދަށުން މިޤައުމަށް މަސްތުވާތަކެތި އެތެރެކޮށް އެވަގު ވިޔަފާރި ފުޅާވެ، ޤައުމުގެ އާބާދީ ހަލާކުވެގެން ދިޔައިރުވެސް، މަސްތުވާތަކެތީގެ ވިޔަފާރިއަކީ ބައިނަލް އަޤްވާމީ ވަރަށް ފުޅާ ވިޔަފާރިއެއްކަމަށް ވަރަށް ހަމަޖެހިފައި ބުނި ގޮތުން ހީވަނީ މިއީ ބޮޑު އިޤްތިސާދީ ކަމެއް ހެން، އެއްގޮތަކަށްވެސް މިއީ ބައިނަލްއަޤްވާމީ ވަގު ވިޔަފާރިއެއްކަން ހާމައެއްނުކުރިއެވެ. ރިޔާސީ ނިޒާމެއްގައި ފުލުހުން ރާއްޖޭގެ ރަށްރަށްއަރައި އަނިޔާވެރި ޖަރީމާތައް ހިންގަމުންދަނީއެވެ. ރިޔާސީ ނިޒާމެއްގައި ދައުލަތުގެ މީޑިއާ އަކީ ދޮގު ޚަބަރު ފަތުރާ ޕްރޮޕެގެންޑާ ޗެނަލެއް ކަމުގައި ހަދައިފިއެވެ. ރިޔާސީ ނިޒާމެއްގެ ދަށުން ޤާނޫނާ ޚިލާފަށް ސައްތައިން ސައްތަ އިސްލާމީ މިޤައުމުގައި 40 ފޫޓުގެ ބުދު ބެހެއްޓުމުގެ ފުރުސަތު ދިނީއެވެ.

މިދަންނަވާލީ ރިޔާސީ ނިޒާމެއްގައި ހުރި ވޭންދެނިވިކަމުގެ ދިރިހުރި މިސާލުތަކެކެވެ. ދިވެހި އުޑުދަށުގައި ރައްޔިތުން ހޭދަކުރާ ކޮންމެ ދުވަހަކު މިޤައުމުގެ ހަތަރެސްކަނުން ފެންނަމުންދަނީ ރިޔާސީ ނިޒާމެއްގައި ދިވެހި ރައްޔިތުން ކަރުނަ އަޅަމުންދާ ހިތްދަތި ތަޖުރިބާތަކެވެ. މިޤައުމުދެކެ ލޯބިވާ ކޮންމެ ދަރިޔަކުވެސް މިނިކަމެތިކަމުން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ބަރުލަމާނީ ނިޒާމަށް ވޯޓު ދިނުމަކީ މުހިއްމު ކަމެކެވެ. ރިޔާސީ ނިޒާމަށް ދެވޭ ކޮންމެވޯޓަކީ ތިމާމެންގެ އަތުން ޤައުމުގެ މުސްތަޤުބަލް ބޯ ވިލާތަކުން ބަނަކޮށްލުމެވެ. މިހެން ދަންނަވާއިރުވެސް ގިނަ ދިވެހި ރައްޔިތުންގައިގާ ހިގަނީ ބަރުލަމާނީ ލޭކަން އެބަ އެގެއެވެ. ނަމަވެސް 2008 ގައި ރިޔާސީ އިންތިޚާބުގެ ހުވަފެނީ ދުނިޔޭގައި ވެރިކަމުގެ މަސްތުވެގެން އުޅޭ ޑިކްޓޭޓަރު ފިޔަވައި އެހެން އެއްވެސް ދިވެހި ރައްޔިތަކު، ވޭތުވެދިޔަ 29 އަހަރު އަހަރު މިޤައުމު ގިއްގަޅުވާލި ރިޔާސީ ނިޒާމަށް ވޯޓު ދިނުމަކީ އަޅުގަނޑު އެދޭ ކަމެއްނޫނެވެ. ޚުދު ޑިކްޓޭޓަރުގެ ކޮއްކޮ ޔާމީންވެސް ބަރުލަމާނީ ވެއްޖެއެވެ. މިޤައުމުގައި ތިބިހާ ޤާނޫނީ ފުންނާބުއުސް މާހިރުން ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށެވެ. ޑރ މުހައްމަދު މުނައްވަރެވެ. އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީއެވެ. ހުސްނުއް ސުޢޫދެވެ. ޤައުމުގައި ތިބިހާ ވިޔަފާރިވެރިން ބަރުލަމާނީވެއްޖެއެވެ. އަބްދުﷲ ޖާބިރެވެ. ޖައުފަރު އީސާ އާދަމެވެ. (ގައްދޫ) ޒާހިރު އާދަމެވެ. ޤައުމުގައި ތިބިހާ ޒުވާނުން ތާއީދުކުރަނީ ބަރުލަމާނީ ނިޒާމަކަށެވެ. އެންމެފަހުން އަންނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރާނެކަމަށް ޑިކެޓޭޓަރު އިއުލާންކޮށް އެގުއިރޯނުގައި ޑިކްޓޭޓަރު ޖެހުމާއެކު ޤާސިމް އިބްރާހީމާއި އޭނާގެ އައުލާދުންވެސް ބަރުލަމާނީވެއްޖެއެވެ. ވުމާއެކު ދިވެހި ރައްޔިތުންގެ ހައިރާންކުރުވަނިވި ބޮޑު އަޣުލަބިއްޔަތަކުން ބަރުލަމާނީ ނިޒާމް ފާސްވެގެންދާއިރު، ރައްޔިތުންނަށް ރައްޔިތުންގެ ބާރު ލިބުމުގެ ޖޯޝުން ފުރިގެންވާ ޤައުމީ އުފަލުގައި ޝާމިލްވުމުގެ ފުރުސަތު ނަގާނުލައި، ޑިކްޓޭޓަރު ފިޔަވައި އެހެން ހުރިހާ ދިވެހި ރައްޔިތުން ބަރުލަމާނީ ނިޒާމަށް ވޯޓުދެއްވަމާތޯއެވެ. ޒުވާނުންގެ ނިޒާމް- ބަރުލަމާނީ ނިޒާމް- ރައްޔިތުންގެ ބާރު ރައްޔިތުންނަށް. (ނިމުނީ

Share/Save/Bookmark

No comments: