Tuesday, July 24, 2007

ޚާއްސަ މަޖިލީހުގެ 11 މެންބަރުންގެ ވަލީ ކޮމެޓީއަށް އިލްތިމާސެއް ް
ލިޔުނީ:މޫސަ


އޮގަސްޓް 18 ވަނަ ދުވަހު މުޅިރާއްޖޭގައި އޮންނަ ވެރިކަމުގެ ނިޒާމު ކަޑައެޅުމުގެ ވޯޓުގައި، ވޯޓުލުމުގެ ޝަރުތު ހަމަވާ ރައްޔިތުން ވޯޓުލުމަށް ފުރައްސާރަ ކުރާ ޤަވާއިދެއް އޮތްތޯ ބަލައި، އެއެއް މުރާޖަޢާ ކުރުމަށް، ޚާއްސަ މަޖިލީހުގެ 11 މެންބަރުންގެ (ވަލީ) ކޮމެޓީއަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ.

މިހެން މިދެންނެވީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވެ އަދި މީހާގެ އައިޑެންޓިޓީ އޮވެ ވޯޓުލުމަށް ކުފޫ ހަމަވިޔަސް، ވޯޓުގައި ބައިވެރިނުވެވޭނެ ޤަވާއިދެއް އިލެކްޝަން ކޮމިޝަނަރުގެ އޮފީހުން ގެންގުޅޭތީއެވެ. އެގޮތުން އެމީހަކު ނިސްބަތްވާ ދާއިރާ ނޫން ސަރަހަދެއްގައި ހުރިނަމަ ވޯޓުލެވެން އަންނަނީ ވޯޓުލާ ދުވަހަކު އެމީހަކު ހުންނާނެ ރަށެއް ކޮމިޝަނަރ އޮފް އިލެކްޝަންއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި އެފަރާތަށް އެންގުމުންނެވެ. އެމުއްދަތުގައި ނާންގައިފިނަމަ އެމީހަކު ނިސްބަތްވާ ދާއިރާ ނޫން ދާއިރާއެއްގައި ވޯޓުލެވޭކަށް ނޯވެއެވެ. މިވެސް ދެން ޤަވާއިދެކޯ. ނަމަވެސް ދިވެހި ޒުވާނުންނާ ޖެހުމުން މިއީ ދެން ހަޖަމް ކުރެވޭނެ އުސޫލެއް ނޫނެވެ.

އެމީހަކު ނިސްބަތްވާ ދާއިރާ ނޫނަސް، ރާއްޖޭގައި ވޯޓް ފޮއްޓެއް ހުރި ފަސްގަނޑެއްގައި ހުރި ވޯޓުލުމުގެ ޝަރުތު ހަމަވާ ހަމަ ކޮންމެ ރައްޔިތަކަށް ކުރިއަށް މިއޮތް ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ރެފެރަންޑަމްގައި ވޯޓުލެވެން ޖެހޭނެއެވެ. މިކަމަށްޓަކައި ކޮންމެ ރަށެއްގައި ކޮންމެ ދާއިރާއަކަށް ޚާއްސަ ވޯޓު ފޮއްޓެއް ބަހައްޓާކަށް ނުޖެހޭނެއެވެ. އެއާ ޚިލާފަށް ކޮންމެ ވޯޓު ފޮއްޓަކަށް ކޮންމެ ދާއިރާއެއްގެ ރައްޔިތަކަށްވެސް ވޯޓު ލެވުނީމަ އެކަން އެ ހަމަޖެހުނީއެވެ. މީގެން އުސޫލީ މައްސަލައެއް ނުނިކުންނާނެއެވެ. ވެރިކަމުގެ ނިޒާމުގައި ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ދެކޭގޮތުގެ ސައްތައިން ސައްތަ ނަތީޖާއެއް އެގޭކަށް ނުޖެހެއެވެ.

ޖުމްލަ ގޮތެއްގައި އެދާއިރާއެއްގެ ފޮއްޓަށް ވޯޓުލާނީ އެ ދާއިރާއެއްގެ ރައްޔިތުންނެވެ. ނަމަވެސް ރަށްފުށުގައި ތިމާ ނިސްބަތްވާ ދާއިރާ ނޫން ދާއިރާތަކުގައި ދިރިއުޅޭ، އަދި ކަންދިމަކުރާގޮތުން އޮގަސްޓް 18 ވަނަ ދުވަހު އެހެން ދާއިރާއެއްގައި ތިބެންޖެހިދާނެ، ރައްޔިތުންނަށްވެސް ޤަވާއިދަކާ ހުރެ މިވޯޓުގައި ބައިވެރި ނުވެވުމަކީ ޤަބޫލްކުރެވޭނެ ކަމެއްނޫނެވެ.

މިސާލަކަށް އޮގަސްޓް 18 ވަނަ ދުވަހު އައްޑޫގައި ތިބި ހއ އަތޮޅުގެ ފަންސާހަކަށް މީހުންނަށް އައްޑޫގައި ހުރި ވޯޓު ފޮށިތަކަށް ވޯޓުލެވުމަކީ ބަޔަކު ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެވެސް ހަމަ ދިވެހި ރައްޔިތުންނެވެ. ކޮންމެ ދާއިރާއަކަށް ވަކި މެންބަރަކު ހޮވަން ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކާ ޚިލާފަށް މި ވެރިކަމުގެ ނިޒާމެއް ކަނޑައެޅުން މިއީ ޤައުމީ ކަމެކެވެ. އަދި ރައްޔިތުން މިފަހަރު ވެރިކަމުގެ ނިޒާމެއް މިކަޑައަޅަނީ ވަކިމުއްދަތަކަށް ނޫނެވެ. ވެރިކަމުގެ ނިޒާމެއް ކަޑަމިއަޅަނީ އެކްސްޕަޔަރީ ޑޭޓެއް ނެތިއެވެ. މިނިންމުން ދިގު ޒަމާންތަކަކަށް ދެމިއޮންނާނެއެވެ. އޮންނަންޖެހޭނެއެވެ. ވުމާއެކު ޚާއްސަ މަޖިލީހުގެ މެންބަރުންނަށް އަޅުގަނޑު މިހާހިސާބުން އިލްތިމާސް ކުރާނީވެސް، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުންކަމަށް ޤާނޫނުއަސާސީގައިވެސް ކަޑައެޅިގެން ސާފުކޮށް ލިޔުއްވާށެވެ.

މި މުހިއްމު ޤައުމީ ވޯޓުގައި ޝަރުތުހަމާވާ ހުރިހާ ދިވެހި ރައްޔިތުން ބައިވެރިވެ، ވޯޓުގައި ބައިވެރިވުމަށް ހުރި ހުރަސްތައް ނައްތާލުމަކީ ވަރަށް މުހިއްމުކަމެކެވެ.

ރާއްޖޭގައި ބޭއްވުނު ޤައުމީ ފެންވަރުގެ ފުރަތަމަ މިނިވަން އިންސާފުވެރި، ނަމޫނާ ޑިމޮކްރަޓިކް، އިންތިޚާބު ގޮތުގައި ތާރީޚުގައި ލިޔެވިގެން ދިޔަ، 2 ޖޫން 2007 ގައި އޮތް އެމްޑީޕީގެ ރައީސް ހޮވުމުގެ އިންތިޚާބުން ދަސްކޮށްދިން ފަދައިން ވޯޓުލާ ކޮންމެ ރަށެއްގައި ވޯޓު ގުނައި ނަތީޖާ ޢިއުލާންކުރަންވާނީ ޚާއްސަ މަޖިލީހުން ފާސްކޮށްފައެވެ. ހަމައެހެންމެ އެމްޑީޕީގެ އެތާރީޚީ އިންތިޚާބުން ދަސްކުރަންވީ އަނެއް ކަމަކީ ވޯޓުލުމުގެ ޝަރުތު ހަމަވާ އެންމެނަށް ވޯޓުލުމުގެ ފުރުސަތު ދިނުމެވެ. އަތޮޅުތަކާއި ރިސޯޓުތަކުގެ އިތުރުން މާލޭގައި ހުރި ވޯޓުފޮށިތަކަށްވެސް، ވޯޓުލުމުގެ ޝަރުތު ހަމަވާ ހަމަ ކޮންމެ މެންބަރަކަށްވެސް ދާއިރާއަކަށް ނުބަލައި ވޯޓުލުމުގެ ފުރުސަތު ދެވުނެވެ. މާލޭ މީހުން ވޯޓުލާ ފޮއްޓަށް އައްޑޫމީހުންވެސް ވޯޓުލަމުން ދިޔައެވެ. އައްޑޫއެއް ތަކަންދޫއެއް މާރަންދޫއެއް ނުބަލައެވެ.

ކުރިއަށް މިއޮތް ވެރިކަމުގެ ނިޒާމް ކަނޑައެޅުމުގެ ޤައުމީ ވޯޓުގައިވެސް، ވޯޓުލުމުގެ ޝަރުތު ހަމަވާ ކޮންމެ މީހަކަށްވެސް، ކޮންމެ ދާއިރައެއްގައި ހުއްޓަސް ބޭނުން ފޮއްޓަކަށް ވޯޓުލުމުގެ ފުރުސަތު ދީފިނަމަ، ވޯޓުގައި ބައިވެރިވާމީހުންގެ އަދަދު އުފުލިގެންދާނެއެވެ. މިކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެން ދާނެއެވެ. ޚާއްސަކޮށް މާލެއަށް ވަކިން ބަލާލިނަމަވެސް، ކޮންމެ ދާއިރާއަކަށް ވަކި ސަރަހައްދެއްގައި ވަކި ފޮއްޓެއް ބެހެއްޓުމަށްވުރެ، ކުރިން ދެންނެވި ފަދައިން ކޮންމެ ފޮއްޓަކަށްވެސް ހުރިހާ ދާއިރާއެއްގެ ރައްޔިތުންނަށް ވޯޓުލެވޭނަމަ ވޯޓުގައި ބައިވެރިވާނެ މީހުން އިތުރުވުމުގެ ފުރުސަތު ބޮޑުވާނެއެވެ. ގަނޑުގަނޑަށް ވޯޓުލާން ދާން ބޭނުންވާމީހުން މަދެއްނޫނެވެ.

މިހާރު މިވާން އުޅޭ ގޮތަކީ ނުވަތަ ވާގޮތަކީ 18 އަހަރުންމަތީގެ (އެކިދާއިރާތަކުގެ) މަސްހުނި ޒުވާން ގްރޫޕްތައް، ތާއަބަދު އެކުވެ އުޅޭ ޒުވާނުން، ވޯޓުލާދުވަހު އެންމެން އެއްކޮށް ވޯޓުލާން ދިއުމުގެ ރޫޙެއް އެބަފެނެއެވެ. މިކުދިން އެކި ސަރަހައްދުތަކަށް ވަކިވަކިން ގޮސް ވޯޓުލާން ޖެހުމަށްވުރެ، އެންމެނަށް އެއްފޮއްޓަކަށް ނުވަތަ އެއްފުރާޅެއްގެ ދަށުގައި ވޯޓުލެވޭނަމަ، ގަނޑުކޮށް ވޯޓުލާންދާނެ ޒުވާން ގްރޫޕުތައް މަދެއްނޫނެވެ. ހަމައެހެންމެ މި މާލޭގެ ރެފިއުޖީ ކޭމްޕްތަކުގައި ވަޒަންވެރިވެފައިވާ ރަށްފުށުގެ ބޮޑެތި އާއިލާތަކުގައިވެސް، އެއްޢާއިލާއެއްގައި ތަފާތު އަތޮޅުތަކުގެ މެންބަރުން އެކުލެވިގެންވާއިރު، މިއެންމެން އެކުގައި ޢާއިލީކަމެއްގެ ގޮތުގައިގޮސް ވޯޓުގައި ބައިވެރިވުމުގެ ފުރުސަތު އޮތުމަކީ، ހަމަގައިމުގެސް މިކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެން ދާނެ ކަމެކެވެ.

އެހެންނަމަވެސް ޑިކްޓޭޓަރުގެ ސިޔާސަތަކީ އަބަދުވެސް ވޯޓުލާން ނިކުންނަ އާބާދީ މަދުކުރުމެވެ. ތިމާމީހާ ހޮވެން މިއަންނަނީ ވޯޓުގައި ބައިވެރިވާ މީހުންގެ އަޣުލަބިއްޔަތުން ވިއްޔާއެވެ. މިހާރު ސިޔާސީޕާޓީތަކުގެ މެންބަރުން، ވޭތުވެދިޔަ ރިޔާސީ(ގޮޅާސީ) އިންތިޚާބުތަކުގައި ވޯޓުގައި ބައިވެރިވެ، ޑިކްޓޭޓަރަށް ތާއީދު ނުކުރާ އެންމެން ވޯޓުގައި ބައިވެރިވެ ނުބައި ފާހަގަ ޖެހިނަމަ، ވޯޓުގެ އަޣުލަބިއްޔަތުން މައުމޫނު ފޭލްވެ، މިއަނިޔާވެރި ހަތްތަރި ަލާވެރިކަމުން ސަލާމަތްވާނެހާ ގިނަ އަދަދަކަށް، މިރާއްޖޭގެ އިދިކޮޅުޕާޓީތަކުގައި މެންބަރުން އެބަތިއްބެވެ. ނަމަވެސް އަބަދުވެސް ވޯޓުލުމުގައި ބައިވެރިވާ މިންވަރު، ޚާއްސަކޮށް އިދިކޮޅު މީހުންގެ ތެރެއިން ވޯޓުލުމުގައި ބައިވެރިވާމީހުންގެ މިންވަރު އުޅެނީ ވަރަށް ކަމީނާ ކޮށެވެ. އެދެން ހަމަ އެކަން ރޭވިފައިވާގޮތެވެ. ޑިކްޓޭޓަރުވެސް އޭނާގެ މުޝީރުންވެސް، ކޮމިޝަނަރުންވެސް ބޭނުންވަނީ ވޯޓުގައު ބައިވެރިވާ މީހުންގެ އަދަދު މަދުވުމެވެ. މަދުކުރުމެވެ. މަދުކުރުވުމެވެ.

ވުމާއެކު ޚާއްސަ މަޖިލީހުގެ 11 މެންބަރުންގެ (ވަލީ) ކޮމެޓީއަށް އަޅުގަނޑު އިލްތިމާސް ކުރަނީ މި ޑިކްޓޭޓަރާއި އޭނާގެ ކާފުދާލު ގެންގުޅޭ ހަރުކަށި ނުރައްކާތެރި ޤަވާއިދުތައް އަތުލައި މުރާޖަޢާކޮށް، މަތީގައި ދަންނަވާލެވުނު ފަދައިން ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށްވެސް ބޭނުން ކޮންމެ ފޮއްޓަކަށް ވޯޓުލެވޭނެ ނިޒާމެއް ކަނޑައަޅައި ދެއްވުމެވެ. ރައްޔިތުންނަށް ވެރިކަމުގެ ނިޒާމެއް ކަޑައެޅޭނީ ފުރަތަމައިނުން ވޯޓުގައި ބައިވެރިވެވޭނެ ނިޒާމެއް ކަނޑައެޅިގެންނެވެ

Share/Save/Bookmark

No comments: